އުރީދޫ ފަން ރަން ފެސްޓިވަލްގެ ތެރެއިން ބާއްވާ ހާއްސަ މިއުޒިކް ޝޯއާ ގުޅިގެން، ޒުވާނުންގެ ތެރޭގައި މަގުބޫލު ދެ މިއުޒިކް ބޭންޑެއް ކަމަށްވާ ކަޔާނޯ އަދި ޓްރެފިކް ޖޭމް ބޭންޑްގެ މެންބަރުން ސޮއިކޮށްފައިވާ ލިމިޓެޑް އެޑިޝަން ޓީޝާޓްތަކެއް ލިބޭނެކަމަށް އުރީދޫން މިއަދު ވަނީ އިއުލާނުކޮށްފައެވެ.
މި ފެސްޓިވަލްގެ ތެރެއިން ބާއްވާ މިއުޒިކް ޝޯ އޮންނާނީ، މާދަމާ ރޭ 8 ޖަހާ އިރު ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. ހުކުރު ދުވަހު ބާއްވާ އުރީދޫ ފަން ރަންއަށް ކުރިން އިންތިޒާރު ކުރުމުގެ ގޮތުން ބާއްވާ މި ޝޯއަކީ، މުޅި އާންމުންނަށް ހުޅުވާލެވިފައިވާ ހަރަކާތެކެވެ. ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު ބޭންޑުތައް މި ޝޯއިން ފެންނާނެއެވެ. އޭގެ ތެރޭގައި ޓްރެފިކްޖޭމް، އިކުއެޓިކްސް ވައިބު، ހަބޭސް އަދި ސިމްބޮލިކް ރެކޯޑް ހިމެނެއެވެ.
އުރީދޫން ބުނެފައިވާ ގޮތުގައި، މި ބޭންޑްތަކުގެ މެންބަރުން ވަނީ އުރީދޫ ފަން ރަންގެ ލިމިޓެޑް އެޑިޝަން ޓީޝާޓްތަކުގައި ސޮއިކޮށްފައެވެ. މި ހާއްސަ ޓީޝާޓްތައް އެ ބޭންޑެއް ޕާފޯމް ކުރާއިރު، ބެލުންތެރިންގެ ތެރެއަށް އުކާލާނެކަމަށް އުރީދޫން ވަނީ ހާމަކޮށްފައެވެ.
އުރީދޫއިން ފާހަގަކޮށްފައިވަނީ، އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫންކަމަށާއި، މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި، އުފާވެރިކަން ދައްކުވައިދޭ ހަރަކާތެއްކަމަށެވެ. އަދި އަމާޒަކީ ވެސް އެންމެން އެއްތަނަކަށް އެއްކޮށް، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދިނުމާއެކު، ދިވެހި ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުންކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.
މި އަހަރުގެ އުރީދޫ ފަން ރަން އޮންނާނީ ހުކުރު ދުވަހުއެވެ.


