އިނގިރޭސި ވިލާތުގެ ވެރިރަށް، ލަންޑަން، ދުނިޔޭގެ އެންމެ އަގުބޮޑު 15 ސިޓީގެ ތެރޭގައި ހިމެނިއްޖެއެވެ. މިކަން ހާމަވެފައިވަނީ، 100 އަށް ވުރެ ގިނަ ސިޓީގެ 18،000 އަށް ވުރެ ގިނަ ރައްޔިތުންނާ ސުވާލުކޮށް ހެދި ސަރވޭއަކުންނެވެ. މި ސަރވޭގައި ވަޒަންކޮށްފައިވަނީ ހިޔާވަހިކަން، ކުލި، ކާބޯތަކެތި އަދި ދިރިއުޅުމުގެ ޚަރަދުތަކެވެ.
މީގެ އިތުރުން ރެސްޓޯރެންޓްތަކުން ކެއުން، ބުއިންތައް، ނައިޓް ލައިފް، ސަގާފީ ތަންތަނަށް ޒިޔާރަތްކުރުން އަދި އެހެނިހެން ހަރަކާތްތަކާ ބެހޭ ގޮތުން ރައްޔިތުންނަށް ކުރެވޭ ތަޖުރިބާތަކަށް ވެސް މި ސަރވޭގައި ބަލާފައިވެއެވެ.
މި ސަރވޭއިން ދައްކާ ގޮތުގައި، ގިނަ ބައިވެރިން ރޭންކްކޮށްފައިވަނީ ދެކުނު ކޮރެއާގެ ސޯލް އަކީ ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީގެ ގޮތުގައެވެ. ނަމަވެސް، ބައިވެރިންގެ ތެރެއިން 30 އިންސައްތައަށް ވުރެ ގިނަ އަދަދެއްގެ މީހުން ދެކެފައިވަނީ ރެސްޓޯރެންޓްތަކުން ކެއުމުގެ އަގު ހެޔޮކަމަށެވެ.
އުތުރު ޔޫރަޕުގެ އެހެން ސިޓީތަކެއް ކަމަށްވާ ނޯވޭގެ އޮސްލޯ އާއި ސްވީޑަންގެ ސްޓޮކްހޮލްމް ވެސް ވަނީ މި ސަރވޭގައި ދަށް ނަތީޖާއެއް ހޯދާފައެވެ. ސަބަބަކީ އެ ސިޓީތަކުގައި ކާބޯތަކެތި، ބުއިންތައް އަދި މުނިފޫހިފިލުވުމުގެ ޚަރަދު ބޮޑުވުމެވެ. އޮސްލޯގައި ރެސްޓޯރެންޓްތަކުގެ ކެއުން އަގުހެޔޮކަމަށް ދެކެނީ އެންމެ 24 އިންސައްތަ ރައްޔިތުންނެވެ. ގިނަ ރައްޔިތުން ދެކޭ ގޮތުގައި އެ ސިޓީއަކީ ބޮޑު ޚަރަދުތަކެއް ހިނގާ ސިޓީއެކެވެ.
އޮސްޓްރޭލިއާގެ ސިޑްނީ އާއި އެމެރިކާގެ ލޮސް އެންޖަލިސް ވެސް ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނިފައެވެ. މި ސަރވޭއިން ދުނިޔޭގެ އެންމެ ބޮޑެތި އަދި ދިރުންހުރި ބައެއް ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ މާލީ ދަތިތައް ރަނގަޅަށް ދައްކުވައިދެއެވެ.


