ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލެއް ގެނެސް، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ މިންވަރު 19،527.90ރ ކަމަށް ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މިއީ މީގެކުރިން މިދިޔަ އޮގަސްޓު މަހު ޒަކާތުގެ ނިޞާބު ހުރި 11,191.95 ރުފިޔާއަށްވުރެ ބޮޑު ކުރިއެރުމެކެވެ.
ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި އަމަލުކުރަމުން އަންނަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، އެމް.އެމް.އޭއިން ހާމަކުރާ ރަނާއި ރިހީގެ އަގަށް ބަދަލުތައް އާދެއެވެ. މިބަދަލުތަކުގެ ސަބަބުން މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށް ވެސް ބަދަލު އާދެއެވެ.
މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 32.82 ރުފިޔާއަށް ކަމަށް ވާއިރު، ރަނުގެ އަގު ހުރީ ގްރާމަކަށް 2,149.39 ރުފިޔާއަށެވެ. އިސްލާމީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ފައިދާކުރާ ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ނިޞާބު ކަނޑައެޅުމެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.


