ރަށްރަށުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން، އެރަށްރަށާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އިސްކަންދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޒުވާނުން ބާރުވެރިކުރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮންމެ މަހަކުވެސް ބާއްވާ ”ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް“ ގެ ދެވަނަ ސެޝަންގައި ޒުވާނުން ހުށަހެޅި ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާއިލާއާ ދުރުގައި ރިސޯޓުތަކުގައި ދިރި އުޅެންޖެހުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރިސޯޓުތަކާ ކައިރި ރަށްރަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ޒުވާނުންނަށް އާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މިގޮތަށް ބަލާއިރު އެއްކަމަކީ ގެދޮރުވެރިކަން. އެހެންމަ ސަރުކާރުން އެބަ ވަރަށް ބޮޑަށް އިސްކަންދެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އެބަ ހޯދަދެން. އެ ރިސޯޓެއްގެ ކައިރިން ނުވަތަ ޓޫރިޒަމް ޒޯނުތަކުގެ ކައިރީގަ ހުންނަ ބޮޑެތި އާބާދީތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް ހިންގަން. އޭރުން މައިގަނޑު ގޮތެއްގައި މި ހައްލުވެގެންދަނީ ޒުވާނުންނަށް އެ ޒުވާނެއްގެ އާއިލާއާ ގާތުން ހައުސިންގ ހޯދުމުގެ ފުރުސަތު،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެކި ރަށްރަށުގައި ހިންގުމަށް މިހާރު ހަވާލުކުރެވިފައިވާ 800 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫޢުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވޭނެ ކަމަށެވެ. އަދި މިކަމުގައި ޒުވާނުންނަށް އިސްކަން ލިބޭނެ ގޮތަށް ޝަރުތުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށާއި، އަލަށް އާއިލާއެއް ފަށައިގެން އުޅޭ ޒުވާނުންނަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި އިސްކަންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި އުސޫލަށް ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ މަޝްރޫޢުތަކުގައިވެސް އަމަލުކުރައްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޯހިޔާވަހިކަން ކަމަށްވާތީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި މާލެ ސަރަހައްދަށް ބަރޯސާނުވެ، މުޅި ރާއްޖެއަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފަތުރާލުން ކަމަށެވެ. މީގެ ސަބަބުން ޒުވާނުންނަށް އަމިއްލަ ރަށުގައި ނުވަތަ އާއިލާއާ ގާތުގައި ތިބެގެން ކުރިއަށްދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


