ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.ވަޒީރު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ޠާރިޤު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާ އޫރު މަސް ވިއްކުމަކީ އެއްވެސް ގޮތަކަށް ކަންތައްތައް ކުރަންވީ ގޮތެއް ނޫން. އަނެއްކާ އަޅުގަނޑުމެން މިހާރުވެސް ދޭތެރެދޭތެރިން ސަފާރީތަކުން ބައެއް ރަށްތަކަށް ބަނގުރާ އެތެރެކުރާ މައްސަލަތައް ޖެހެމުންދޭ. އެކަންތައްތަކަށް ހައްލެއް ގެނައުމަށްވެސް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،
ވަޒީރު
ލޯކަލް ޓޫރިޒަމްގެ ސިޔާސަތާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ކުރިއަށްގެންދާ ފަތުރުވެރިކަމަކީ ”ޑްރައި ޓޫރިޒަމް“ އެއްގެ ގޮތުގައި ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ލިބެން ހުރެގެން ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ލޯކަލް ޓޫރިޒަމްގަ ލޯކަލް ރަށްރަށަކީ ޑްރައި ޓޫރިޒަމެއް. މި ދެންނެވީ އޫރުމަހެއް ރަލެއް ހުރެގެން ނުވާނެ. އަޅުގަނޑުމެން ޕޮލިސީ ލެވެލްގަވެސް އެކަން ބޭނުން އެގޮތަށް ބާއްވަން. އެހެންމަ ސަރުކާރުން މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަހެއް ހުއްދައެއް ނުކުރާނެ.
ވަޒީރު
ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް މިހާރުވެސް އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ މަނާ ކަމެކެވެ.


