ޤައުމުގެ ހުރިހާ ފަންތިއެއްގައިވެސް ނިންމުންތައް ނިންމާ މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީ ތަރައްޤީއަށް މަގުފަހިވާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންނާ ބައްދަލުކުރައްވައި ބޭއްވެވި ”ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް“ އަދި ”ޔޫތް ކޮންފަރެންސް ވިތް ޕްރެޒިޑެންޓް“ ގެ ބައްދަލުވުންތަކުގައި ޒުވާނުން ހުށަހެޅި މުހިއްމު ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ޤައުމުގެ ކަންކަން ނިންމުމަށް ޒުވާނުންގެ ބަސް ވަރަށް މުހިއްމުކަން. ނަމަވެސް މީގެކުރިން ރާއްޖޭގައި ކަންކުރެވިފައި އޮތީ ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވާގޮތަށް ނޫންކަމަށާއި، ނަމަވެސް މި ސަރުކާރުން މަސައްކަތްކުރާނީ އެކަން ބަދަލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ފަންތިއެއްގައި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަކީ ނުވަތަ އެކަމުގެ ފުރުސަތު އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީގޮތެއްގައި ތަރައްޤީއަށް ވާސިލުވުމަށް މުހިއްމުކަމެއް ކަމަށެވެ. މިގޮތުން، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށް، ”ޔޫތް ކޮންފަރެންސް ވިތް ޕްރެޒިޑެންޓް“ ގައި ޒުވާނުން ހުށަހެޅި މުހިއްމު ގިނަ ކަންކަމަށް ހައްލު ގެނެސްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.
ޒުވާނުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ”ޔޫތް ޕާލިމަންޓްގެ“ ކޮންސެޕްޓަކީ ވަރަށް ބިނާކުރަނިވި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ އަތޮޅަކުން އެކި ދާއިރާތަކުން ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނަންވާނެ ކަމަށާއި، ތިކަން ކުރެވޭނެ ގޮތްތައް ބައްލަވައި ސީރިއަސްކޮށް ވިސްނަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.


