ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދިޔަ ޑްރަގް އެންފޯސްމަންޓް އޮޕަރޭޝަންތަކުން އެންމެ ގިނަ އަދަދަކަށް ބަނގުރާ އަތުލައިގަނެފައިވަނީ ކ. މާފުށިން ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑްރަގް އެންފޯސްމަންޓްގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްއާއި ހަވާލުވެގެންހުރި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، ފާތިހު މުހައްމަދު ވަނީ ޑްރަގް އެންފޯސްމަންޓްގެ ފަރާތުން ހިންގާ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
ފާތިހު މުހައްމަދު ވިދާޅުވި ގޮތުގައި، އަތޮޅުތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ މުޢާމަލާތްކުރުން މަދުކުރުމަށްޓަކައި ކައުންޓަރ ނާކޮޓިކްސް އިންޓަލިޖެންސާއި ގުޅިގެން ޑްރަގް އެންފޯސްމަންޓުން މި ފެބްރުވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހާއި ހަމައަށް ޖުމްލަކޮށް 7 އަތޮޅެއްގައި ވަނީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަންތަކުގައި ޖުމްލަ 4,998 ބަނގުރާފުޅި އަތުލައިގަނެފައިވާއިރު، މީގެ ތެރެއިން 4,817 ބަނގުރާފުޅި އަތުލައިގެންފައިވަނީ ކ. މާފުށިންނެވެ. މާފުށީގައި ހިންގި އޮޕަރޭޝަންތަކުގައި 13 ތަނެއް ބަލައިފާސްކޮށްފައިވާއިރު، 20 ފަރާތެއް ވަނީ ހައްޔަރުކޮށްފައެވެ. އެހެން ސަރަހައްދުތަކާއި އަޅައިބަލާއިރު އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވަނީވެސް މާފުށިން ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.
އަތޮޅުތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ މުޢާމަލާތްކުރުން ހުއްޓުވުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން ޖުމްލަ 32 ތަނެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި 61 ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ހުރިހާ ސަރަހައްދަކުން ޖުމްލަކޮށް 12.18 ކިލޯގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.
ފުލުހުން ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެއްޗާއި ބަނގުރާ އެތެރެކޮށް ވިއްކުމަށް ހުރަސްއަޅައި، މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި މާލެ ސަރަހައްދާއި، އަތޮޅުތަކުގެ ކަމާއިގުޅުންހުރި މުވައްސަސާތަކާއި ގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.


