ދިވެހި މުޖުތަމަޢުގައި އެކަނި ދަރިން ބެލުމުގެ ޒިންމާ އުފުލާ މައިންނާއި ބަފައިންނަށް ހުރި ބޮޑެތި މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ސިންގަލް ޕޭރަންޓް އެލަވަންސް ބޮޑުކޮށްފިއެވެ. މި ބަދަލާއެކު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާ ލިބޭނެއެވެ.
ދިވެހި މުޖުތަމަޢުގެ ތެރޭގައި މައިންބަފައިން ވަކިވެ، އެކަނި ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ނަގަން ޖެހޭ ބެލެނިވެރިން މަދެއް ނޫނެވެ. ނަމަވެސް، އަދުގެ އިޤްތިޞާދީ ހާލަތަށް ބަލާއިރު، ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ އެކަނި އެންމެ މީހަކަށް އުފުލޭ ވަރަށް ވުރެ ބޮޑު ބުރައެކެވެ. ހާލަތު ނިޔާކުރާ ގޮތުން ބެލެނިވެރިން ވަކިވުމަށްފަހު ދަރިންގެ ކަންކަމުގައި އެއްވެސް އެހީތެރިކަމެއް ނުލިބި ދެއެވެ. މިކަމަށް އެކަށީގެންވާ ތަސައްލީއެއް ދިނުމަށް ސަރުކާރުން މީގެ ކުރިން ދެމުން އައި އެލަވަންސަކީ މިފަދަ މަޖުބޫރީ ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދިޔަ އެހީއެކެވެ.
ސަރުކާރުން މިއެލެވެންސް ދެމުން އައިސްފައިވަނީ ”އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު“ ގެ ދަށުންނެވެ. މި ޤަވާއިދުގެ ދަށުން ކޮންމެ ކުއްޖަކަށް 1,000 ރުފިޔާގެ އިނާޔަތެއް ދެމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، އިޤްތިޞާދީ ހާލަތަށް ބަލައި މިއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ގިނަ ބެލެނިވެރިން ފާހަގަކުރެއެވެ. މި ޤަވާއިދުގެ ދަށުން ދަރިންގެ އަދަދު އިތުރުވި ނަމަވެސް، އެންމެ ގިނަވެގެން މަހަކު ދެނީ 10,000ރ. އެވެ.
މި އަދަދު އިތުރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ އޮކްޓޯބަރ މަހު 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ،
މި އަންނަ އަހަރަށް އަޅުގަނޑުމެން ފާސްކުރާ ބަޖެޓުގައި، މިގޮތުން އަޅުގަނޑުވީ އެއް ވަޢުދު އެއީ، އެކަނިވެރި މައިންގެ އެލަވަންސް މިހާރުދޭ އަދަދަށްވުރެ ބޮޑުކޮށްދީ، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް، އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށްދިނުން. އެކަމަށް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ. އެ ވަޢުދު ފުއްދުންވެސް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާގޮތަށް މިހާރު ނިންމާފައި އެއޮތީ. އެހެންވީމާ، މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން، ޖަނަވަރީ މަހުން ފެށިގެން ސިންގަލް ޕޭރަންޓް އެލަވަންސް، އެކަނިވެރި މައިންނަށް ދޭ އެލަވަންސް، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް ބޮޑުވެގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ މިކަމަށް އެކަށީގެންވާ ހައްލެއް ގެންނަވާނެ ކަމުގެ ވަޢުދާއެކުއެވެ. އެމަނިކުފާނުގެ ވަޢުދު ފުއްދަވާ، މިހާރު އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ޤަވާއިދަށް އިސްލާހު ގެނެސްފައެވެ. މިއިސްލާހުގެ ދަށުން، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. މިއާއެކު، 4 ކުދިން ތިބި ފަރާތްތަކަށް މަހަކު 12,000ރ. އާއި ހަމައަށް އެހީތެރިކަން ލިބޭނެއެވެ. ޤަވާއިދަށް ގެނެވުނު މި އިސްލާހާއެކު، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އަހަރެއްގެ ތެރޭގައި ޖުމްލަ 144,000ރ. ލިބޭނެއެވެ.
ސަރުކާރުން ގެނައި މި ބަދަލަކީ އެކަނި ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާއާއި ހަވާލުވެ ތިބި، މަންމައިންނާއި ބައްޕައިންނަށް ލިބިގެން ދިޔަ ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ. މިއަދުގެ ހާލަތަށް ރިޢާޔަތްކޮށް މި ބަދަލު ގެންނަވާފައިވަނީ ގިނަ ބެލެނިވެރިންގެ ކަންބޮޑުވުން އޮތުމާއެކުއެވެ. އަންނަ އަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލު ތަންފީޒުވާން ފެށުމާއެކު މިއީ މުޅި ނިޒާމަށް އަންނާނެ ހެޔޮ ބަދަލެކެވެ.


