ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ، ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދަށް ވޯޓުލާނެ ޕްރައިމަރީއަކަށް ޕީއެންސީގެ ޕްރައިމަރީ ވެގެންދާނެ ކަމަށެވެ.
ފަލާހު މިހެން ވިދާޅުވީ، މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުމުގެ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާންކަމާއި އޮމާންކަމާއެކުއެވެ. އަދި ޤައުމެއްގައި ބާއްވާ މައި އިންތިހާބެކޭ އެއްގޮތަށް މި ވޯޓަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެ، އިންތިޒާމުތައްވެސް ރަނގަޅަށް ކުރިއަށްދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީ ޕްރައިމަރީއަށް ރާއްޖޭގެ އެކި ސަރަހައްދުގައި 44 ވޯޓު ފޮށި ބަހައްޓާފައިވާއިރު، 21,000 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. ފަލާހު ވިދާޅުވި ގޮތުގައި މިއަދުގެ 2 ޖެހުމާއި ހަމައަށް 8,000 މީހުން ވޯޓުލާފައިވާއިރު، މި އަދަދަކީ ޕާޓީއިންވެސް އަންދާޒާ ކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.
ޤަބޫލުކުރާ ގޮތުގައި ޕްރައިމަރީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދެއްގެ ވޯޓުލާނެ ޕްރައިމަރީ އެއް ޕާޓީއެއްގެ ތެރޭގައި. ފާހަގަކުރެވޭ ވޯޓުލުމުގެ ކަންކަން ހަމަ ވަރަށް އަމާންކާމާއި އޮމާންކަމާއެކީ ކުރިއަށް މިދަނީ، ފަލާހު
ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 1ވަނަ ދުވަހުއެވެ. މި ޕްރައިމަރީގައި 298 ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިޚާބު ކުރިއަށްދަނީ 42 އިންތިޚާބީ ދާއިރާއެއްގެ 84 މަޤާމަކަށެވެ.
އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ވަނީ ހޮވިފައެވެ. އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ބުނެއެވެ.


