މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން 2023 ވަނަ އަހަރު ފެށި ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެއަކީ އިކޯސިޓީއެއްގެ ގޮތުގައި ތަރައްޤީކުރެވި، ބޯހިޔާވަހިކަމާއި އިޤްތިޞާދީ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ޑްރެޖަރއެއް ބޭނުންކޮށްގެން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކި ސައިޓްތަަކަށް ބަހާލައިގެން 3 ކުންފުންޏަކުން މިހާރުވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު، މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، އަންނަ އަހަރު އޭޕްރީލް މަހަށް މަޝްރޫޢު ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ރަސްމާލެ ހިއްކާ ނިމުމުން ސަރުކާރުގެ އައު ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މާލެ ސަރަޙައްދުގެ އާބާދީ ބޮޑުވަމުންދާތީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅީފަޅު، ގިރާވަރުފަޅު، ހުޅުމާލެ ފޭސް 3 އަދި ރަސްމާލެ ވެސް އާބާދުކުރަން ބަލާއިރު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މުނިސިޕަލް އިންފްރަސްޓްރަކްޗަރ އަދި މަގު ހެދުމުގެ މަސައްކަތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިހާރުވެސް މިނިސްޓްރީ އޮފް ފައިނޭންސްއިން ރަސްމާލޭގެ މާސްޓަރ ޕްލޭންއެއް ހެދުމަށް ފަރާތްތައް ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރުވެސް އެތަނުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމަށް އެމްއޯޔޫތަކުގައި ސޮއިކޮށްފައިވާ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ. އެހެންނަމަވެސް އެތަނުގެ ޑިޒައިން ކުރުމުގެ މަސައްކަތް ފެށިގެންދާނީ، ރަސްމާލެ މާސްޓަރ ޕްލޭން ނިމުމުން ކަމަށާއި، ރަސްމާލެ ހިއްކާ ނިމުމާއެކު އެތަން އާބާދު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމްލަ 1100 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކާ ނިންމާފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، ކުރިއަށް އޮތް 5 މަސްތެރޭ އެ ބިމުން 15000 ގޯތި ދެވޭ މިންވަރަށް ހިއްކާނެ ކަމަށާއި، އެ ގޯތިތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެއެވެ.


