ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ހަލުއިވާން ފަށާފައިވާކަން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ހާމަވެއްޖެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިތުރުވުމެވެ.
މިމަހުގެ 18ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 36.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މިމުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 އިންސައްތައިގެ އިތުރުވުމެކެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ފާއިތުވި ހަފްތާގައި އާމުދަނީ އެންމެ ބޮޑަށް އިތުރުވީ ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 27.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ 25 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 2.5 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. މިގޮތުން 9.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވަނީ 7.5 ބިލިއަން ރުފިޔާއެވެ.
މިމަހުގެ 18ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދުތައް 38.9 ބިލިއަން ރުފިޔާގައި ހުރިއިރު، ފާއިތުވި ހަފުތާގައި ޚަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ދަރަނީގެ ޚިދުމަތަށް ކުރި ޚަރަދުތަކެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން މުހިންމު ޚަރަދެއް ކަމަށްވާ ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މިމުއްދަތުގައި ޚަރަދުކުރި 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.3 އިންސައްތަ ކުޑަ އަދަދެކެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިމަހުގެ 18ގެ ނިޔަލަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޕީއެސްއައިޕީގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައި ޚަރަދުކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. މިދާއިރާއަށް 4.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެތެރޭގައި އެއަރޕޯޓު ތަރައްގީ ކުރުމަށް 3.2 ބިލިއަން ރުފިޔާއާއި ބުރިޖު ހެދުމަށް 870.3 މިލިއަން ރުފިޔާ ހިމެނެއެވެ. ސިއްޙީ ދާއިރާއަށް ކުރި ޕީއެސްއައިޕީ ޚަރަދުތައް މިއަހަރުގެ މިމުއްދަތުގައި ހުރީ 453.1 މިލިޔަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި މިއަދަދު ހުރީ 145.5 މިލިޔަން ރުފިޔާގައި ކަމަށްވުމުން، މިއީ 307.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 2.0 ބިލިއަން ރުފިޔާއަށް ވަނީ ކުޑަވެފައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓު ކުރި 11.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 9.5 ބިލިއަން ރުފިޔާ ނުވަތަ 82.5 އިންސައްތަ ކުޑަ ޑެފިސިޓެކެވެ. މިކަމުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެކިތައް ފެންނަމުންދާ ކަމަށް މާލީ ކަންކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.


