ހުޅުމާލޭގެ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް، ފަތުރުވެރިންގެ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމާއި، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މައުލޫމާތު ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގެ ބީޗުތަކުގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން އުޅުމުގެ މައްސަލަ ހުއްޓުވުމަށް ގެސްޓުހައުސްތަކުގެ ވެރިން ހޭލުންތެރިކަން އިތުރުކުރުމެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. މިއީ ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެން ހިންގި ޕްރޮގްރާމެއްކަމަށް ފުލުހުން ހާމަކުރެއެވެ.
މި ޕްރޮގްރާމްގައި، ފަތުރުވެރިން ބިކިނީ ލައިގެން މޫދަށް އެރުމާއި ބީޗުގައި ހަރަކާތްތެރިވުން އިތުރުވަމުން އަންނާތީ، އެކަން އެގޮތަށް ނުކުރުމަށް ފަތުރުވެރިންނަށް މައުލޫމާތު ދިނުމަށް ގެސްޓުހައުސްތަކުގެ ވެރިންނަށް އިރުޝާދު ދެއްވާފައިވެއެވެ. މީގެ އިތުރުން، ބީޗުގައި އުޅޭއިރު އަގުބޮޑެތި މުދަލަށް ސަމާލުވުމަށް ފަތުރުވެރިންނަށް އަންގައިދިނުމަށް ވެސް އެދިލައްވާފައިވެއެވެ.
އަދި، މިދުވަސްވަރަކީ ފަތުރުވެރިކަމުގެ ހައި ސީޒަންއަށް ވުމާއެކު ބުކިންގ މައްސަލަތަކުން ސަލާމަތްވުމަށް ފަތުރުވެރިންނަށް ރަނގަޅު އިރުޝާދު ދިނުމަށާއި، ޕޭމަންޓާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ދުރާލައި ކުރުމަށް ފުލުހުން އިރުޝާދު ދެއްވިއެވެ. މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް ފަތުރުވެރިންނަށް ހޭލުންތެރިކަން ދިނުމަށް މި ޕްރޮގްރާމްގައި ވަނީ ބާރު އަޅާފައެވެ.


