ތުއްތު ކުއްޖެއްގެ ގޮތުގައި ގެއްލި 40 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، މިޝެލް މެރީ ނިއުޓަން އޭނާގެ އާއިލާއާ އަލުން ކެންޓަކީގައި ގުޅިއްޖެ އެވެ. މިކަމުގެ ސަބަބުން އެ ޤައުމުގެ އެންމެ ދިގު ހަޞޯނަތުގެލ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަށް ވަނީނިމުން އައިސްފައެވެ.
މިޝެލްއަށް، މިހާރު އުމުރުން 46 އަހަރެވެ. އޭނާގެ މަންމަ ޑެބްރާ ނިއުޓަން އޭނާ ގޮވައިގެން ފިލީ 1983 ވަނަ އަހަރުގެ ގައި، ކެންޓަކީގެ ލޫއިވިލްއިން އޭނާގެ އުމުރުން ތިން އަހަރުގައެވެ. އެވަގުތު ޑެބްރާ އޭނާގެ ފިރިމީހާ ޖޯސެފް ނިއުޓަންގާތު ބުނީ އޭނާ ޖޯޖިއާއަށް ދަނީ އައު ވަޒީފާއަކަށް، އަދި އާއިލާއަށް ގެއެއް ތައްޔާރުކުރަން ކަމަށެވެ. މިޝެލް ބަލާ ޖޯސެފް ފަހުން ޖޯޖިއާއަށް ދިޔައިރު މަންމަ އާއި ދަރިފުޅުވެސް ނެތެވެ.
އޮތޯރިޓީތަކުން ބުނާ ގޮތުގައި ޑެބްރާ އާއި ޖޯސެފްއާ ދެމެދު އެންމެ ފަހުގެ ފޯން ކޯލެއް ކުރެވުނީ 1984 އާއި 1985 އާ ދެމެދުގެ ދުވަސްވަރެއްގަ އެވެ. އޭގެ ފަހުން އެއްވެސް ގުޅުމެއް ނެތް ކަމަށް ވެއެވެ. ޑެބްރާގެ މައްޗަށް ބެލެނިވެރިކަމަށް ހުރަސް އެޅުމުގެ ކުށުގައި ވޮރަންޓެއް ނެރުނުއިރު، އޭނާގެ ނަން އެފްބީއައިގެ ގެއްލިގެން ހޯދާ މީހުންގެ ލިސްޓަށް ވަނީ އިތުރުކުރެވިފަ އެވެ. ގިނަ ދުވަހު ހޯދި ނަމަވެސް، މިޝެލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
މި މައްސަލަ 2000 ވަނަ އަހަރު، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ބަންދުކުރެވުނެވެ. މިޝެލްގެ ނަން ނޭޝަނަލް މިސިންގ ޗިލްޑްރަން ޑޭޓާބޭސްތަކުންވެސް ވަނީ އުނިކުރެވިފަ އެވެ. ނަމަވެސް 2016 ވަނަ އަހަރު އާއިލާގެ މެންބަރަކު އެދުމުން، ޖެފަސަން ކައުންޓީ ޝެރިފްގެ އޮފީހުން އަލުން މި މައްސަލަ ބެލަން ފެށި އެވެ.
މައްސަލައަށް ބޮޑު ކުރިއެރުމެއް ލިބުނީ ”ކްރައިމް ސްޓޮޕަރސް“ އަށް ލިބުނު މައުލޫމާތަކުންނެވެ. އެ މައުލޫމާތުގައިވާ ގޮތުން ޑެބްރާ ނިއުޓަން ދިރިއުޅެމުން ދިޔައީ ފްލޮރިޑާގައި، ތަފާތު ނަމެއްގައެވެ. ތަހުގީގުކުރާ ފަރާތްތަކުން ވަނީ ކުރީގެ ފޮޓޯތަކާ މިހާރުގެ ފޮޓޯތައް އަޅައިކިޔައި، ގާތް ބައެއްގެ ޑީއެންއޭ ތަހުލީލުކުރުމަށްފަހު އޭނާގެ އައިޑެންޓިޓީ ކަށަވަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރެވުނީ މި އަހަރުގެ ކުރީކޮޅު ފްލޮރިޑާގައި ހުންނަ އޭނާގެ ގޭންނެވެ.
މިޝެލްއަށް މި ހަގީގަތް އެނގުނީ ފުލުހުން އޭނާއާ ގުޅައި، އޭނާ ދިރިއުޅެމުން އައި އައިޑެންޓިޓީ އަކީ އޭނާގެ ހަގީގީ އައިޑެންޓިޓީ ނޫން ކަމަށް ބުނުމުންނެވެ. މި ހަބަރުން ސިހިފައިވާ މިޝެލް ވަނީ ކެންޓަކީގެ އޮތޯރިޓީތަކާ ގުޅައި، އޭނާގެ ބައްޕަ އާއި އާއިލާގެ އެހެން މެންބަރުންނާ ބައްދަލުކުރުމަށް މަގުފަހިކޮށްފަ އެވެ.
ޖޯސެފް ނިއުޓަން، އޭނާގެ ދަރިފުޅާ އަލުން ބައްދަލުވުމުގެ އިހުސާސް ސިފަކުރީ ”ހިތްދަތި އަދި އުފާވެރި އިހުސާސެއް“ ކަމަށާއި، ދަރިފުޅު ފުރަތަމަ ފަހަރަށް އުރާލާ ކަހަލަ ގޮތަކަށް ހީވީ ކަމަށެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިޝަލުން ވަނީ ތަހުގީގުކުރާ ފަރާތްތަކުގެ ކެރުމާއި ހިތްވަރަށް ތައުރީފުކޮށް، ގިނަ ދުވަސްވީ މައްސަލަތައް ހައްލުކުރުމުގައި އާންމުންގެ އެހީތެރިކަން މުހިއްމުކަން ފާހަގަކޮށްފަ އެވެ.
ޑެބްރާ ނިއުޓަން ވަނީ ލޫއިވިލްގެ ކޯޓަށް ހާޒިރުކުރެވި، ބެލެނިވެރިކަމަށް ހުރަސް އެޅުމުގެ ފެލޯނީ ކުށުގައި ރަސްމީކޮށް ދައުވާ އުފުލިފަ އެވެ. އޭނާ މިހާރު ވަނީ ބޮންޑެއްގެ ދަށުން ދޫކޮށްލާފައިވާ ކަމަށާއި، އިތުރު ގާނޫނީ މަރުހަލާތަކަށް އިންތިޒާރު ކުރަމުންދާ ކަމަށް ވެއެވެ.


