އިމެއްނެތި ބޭނުންގޮތަކަށް ހުކުރު ހުތުބާ ކިޔަން ދޫކޮށްލައިފި ނަމަ ރާއްޖެ ދީނީ ނުތަނަވަސް ކަމަކަށް ވެއްޓިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ލިޔެފައި ދޭ އެއް ހުތުބާއެއް ކިޔުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހިޔާލާ ވަރަށް ދެކޮޅު ކަމަށެވެ.
ޑީޑީ އަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެ ޝަހީމް ވަނީ އޭނާ އެކަމާ ދެކޮޅު ހައްދަވާ ސަބަބުން ވެސް ތަފުސީލު ކޮށްދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލަ އަށް ހުތުބާ ދެވޭ ފެންވަރުގައި ތިބި ބަޔަކަށް ނުވާތީ، ޑީޑީ ވިދާޅުވި ވާހަކައަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އަމިއްލަ، ލިޔެފައި އޮތް އެއްޗެއް ނުބަލައި ހުތުބާ ދިނުމުގެ ގާބިލުކަން ހުރި އިލްމުވެރިން ރާއްޖޭގައި ވަރަށް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.
ނުބަލައި ހުތުބާ ކިޔުމުގެ ހުއްދަ މިހާރު ވެސް ދޭ ނަމަވެސް، އެގޮތަށް ހުތުބާ ކިޔާ މީހުން ވެސް ހުތުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަހަތަކަށް ގެއްލުންވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަނެއްކޮޅުން ހައްދެއް އިމެއްނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވައިފި ނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަށް ރާއްޖެ ވެއްޓިގެން ދިއުމުގެ ބިރު އޮންނާނެ. އަޅުގަނޑު އެކަމަށް ޖާގައެއް ނުދޭނަން، ޝަހީމް
ޝަހީމް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުތުބާގެ ކަންކަމުގައި އަމަލުކުރަމުން އަންނަނީ ރާއްޖޭގެ މަސްލަހަތާ ގުޅޭ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ތިޔަ ވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި، ޖަމާއަތްތައް އުފެދި، އެކި މިސްކިތްތަކުގައި އެކި މަޒުހަބަށް ހުތުބާ ކިޔައި، ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ، ޝަހީމް
ރާއްޖޭގެ ހުތުބާގެ ނިޒާމު މިވަގުތު އޮތީ އެންމެ ރަނގަޅަށް ކަން ފާހަގަކުރައްވައި، ޝަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޒަމާނުއްސުރެ މިކަން ގާއިމްވެފައިވާ ދިމާލަށް މިއަދު އިސްލާމީ ދުނިޔޭގެ އެހެން ގައުމުތައް ވެސް ވަނީ އަމާޒު ހިފައިފަ އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ހުތުބާގެ ނިޒާމު ދަމަހައްޓާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި މި ސަރުކާރުން ވެސް އެކަން ދަމަހައްޓާނީ އެގޮތަށް ކަމަށެވެ.ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ހުތުބާގެ މައުލޫތަކާ މެދުގައި އާންމުންގެ ހިޔާލު ހޯދަނީ މުޖުތަމައުއަށް އެންމެ ބޭނުންތެރި މަގުން ހުތުބާ ތައްޔާރުކުރުމަށް ކަމަށެވެ. އަދި ހުތުބާ ކުރުވާން ޖެހޭ ކަމަށާއި ސުންނަތުގައި ވެސް އޮންނަ ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.


