މިއަދުގެ ސަރުކާރަކީ ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރައިގެންދާއިރު، އެކަމަށް އަޅާނުލާ އޮންނާނެ ސަރުކާރެއް ނޫންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ”ތަރުޖަމާނާއެކު“ ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ވަޒީރު ސަޢީދު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް 23 ބާވަތެއް އިތުރުކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކެބިނެޓުގެ މަޝްވަރާއާއިއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން 10 ބާވަތުގެ ތަރުކާރީއާއި، 10 ބާވަތުގެ މޭވާ އަދި އިތުރު ކާނާގެ 3 ބާވަތެއް އަސާސީ ބާވަތްތަކުގެ ގޮތުގައި ކަނޑައެޅުމަށެވެ. ވަޒީރު ވިދާޅުވީ މި ބާވަތްތައް ރާއްޖެ ގެނެސް ވިއްކުމުގެ ޒިންމާ މިހާރު އެސްޓީއޯއާ ހަވާލުކުރައްވާފައިވާ ކަމަށާއި، ރައްޔިތުންނަށް ލުއި އަގެއްގައި ރާއްޖޭގެ ކަންކޮޅުތަކުގައި މި ތަކެތި ލިބެން ހުންނާނެކަން އެސްޓީއޯއިން ޔަޤީންކުރަންވާނެ ކަމަށެވެ.
މި ތަކެތި ހޯލްސޭލްކޮށް ވިއްކުމަށްޓަކައި މާލޭ ބަނދަރުމަތީގައި މިހާރު ވަނީ އެސްޓީއޯގެ ޚާއްޞަ ފިހާރައެއް ހުޅުވާފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހުޅުމާލޭގައިވެސް މިފަދަ ފިހާރައެއް ހުޅުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ސިޓީތަކާއި 3000 އިން މަތީގެ އާބާދީތަކަށް އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މިތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށާއި، މަސައްކަތް ނިމޭއިރު ހުރިހާ ރަށަކުންވެސް އެސްޓީއޯ މެދުވެރިވެގެން މި ބާވަތްތައް ލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުދި ވިޔަފާރިތަކަށް ލިބިދާނެ ގެއްލުމަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެސްޓީއޯއިން މިކަން ކުރަނީ ކުދި ވިޔަފާރިތަކަށް ހޯލްސޭލްކޮށް ތަކެތި ފޯރުކޮށްދީގެން އަގު ހެޔޮކުރުމަށް ކަމަށެވެ. ”މިކަން މިކުރާ ގޮތަކީ، އެސްޓީއޯއިން ގޮސް މާލޭގައިވެސް ހޯލްސޭލްކޮށް މިދޭ އަގުގައި މިދެނީ ރީޓެއިލްއެއް ނުކުރާނެ. އަޅުގަނޑުމެންގެ މަސައްކަތުގައި މި ގެންގުޅޭ ގޮތަކީ، އެތަނެއްގައި ހޯލްސޭލް ކުރަނީ އެތަނެއްގައި ވިއްކާ ވިޔަފާރިތަކަށް. ހޯލްސޭލް ކޮށްގެން އަގުބޮޑު ނުވާނެކަން ކަށަވަރު ކުރުން،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަސާސީ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވަކި އައިޓަމެއްގެ އަގު ބޮޑުވާނަމަ، ރައްޔިތުންނަށް ބުރައަކަށް ނުވާނެހެން އެ ތަކެތި ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. މި މަޤްޞަދުގައި ސަރުކާރުން މިހާރު ވަނީ އަސާސީ ކާބޯތަކެތީގެ ޕްރައިޒް އިންޑެކްސްއެއް އެކުލަވާލާ، 162 ބާވަތެއްގެ އަގު ދުވަހުން ދުވަހަށް މޮނިޓަރ ކުރަން ފަށާފައެވެ.


