ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހިންގެ ތެރެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ ޑިސެންބަރު އަދި ޖަނަވަރީ މަހުގެ ޢުމްރާ ދަތުރުގައި ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ ދެ ފިރިހެނުންނެވެ. މި ދެ މީހުންނަކީ ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕުގެ ޙަވާލުގައި ދިޔަ ދެ ޢުމްރާވެރިންނެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، ނިޔާވި ދެ މީހުންގެ ޖަނާޒާގެ ކަންތައްތައް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
މި ދެ މީހުންގެ އިތުރުން، ނިމިދިޔަ މަހު ”މަނާސިކް“ ގްރޫޕުގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ޢުމުރުން 60 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ. މިކަން އެ ގްރޫޕުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ދިވެހިން ޢުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ދުވަސްވަރެކެވެ. އެގޮތުން ޑިސެންބަރު މަހާއި ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖެއިން 7,000 އަށްވުރެ ގިނަ މީހުން ޢުމްރާއަށް ގޮސްފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ޗުއްޓީގައި ރާއްޖެއިން ޢުމްރާއަށް ގޮސްފައިވާ މީހުންގެ ޢަދަދު 7,000 އަށްވުރެ މަތިވާއިރު، ޖުމްލަކޮށް އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މި ދައުރުގެ ޢުމްރާ ދަތުރުތައް ފެށިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 262 ޢުމްރާވެރިން ވަނީ ފުރާފައެވެ. އަދި މި ދައުރުގައި ޢުމްރާއަށް ފުރާ އެންމެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެ ދުވަހު 298 ޢުމްރާވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.


