ދިގު މުއްދަތަކަށް ބޭސްފަރުވާކުރާ އަދި ބަލީގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތަކުގެ ހާލު ބެލުމަށް، އެމީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ތައްޔާރުވެއްޖެއެވެ.
އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރ ޑރ. އައިމިނަތު ޒޭބާ އަޙްމަދު ވިދާޅުވީ، އަލަށް ފެށުމަށް ހަމަޖެހިފައިވާ ”އާރބަން ޕްރައިމަރީ ހެލްތު ކެއަރ“ ޚިދުމަތުގެ ދަށުން ”ހޯމް ކެއަރ“ ނުވަތަ ގޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދާންމަތިވެފައިވާ ބަލިމީހުން ހޮސްޕިޓަލަށް އުފުލުމުގައި އާއިލާތަކަށް ކުރިމަތިވާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމެވެ.
ޑރ. ޒޭބާ ވިދާޅުވި ގޮތުގައި، މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އެހެންކަމުން މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލުގައި ރަޖިސްޓްރީވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ ތިން މަހަކުން އެއްފަހަރު ހޮސްޕިޓަލުގެ ޚާއްޞަ ޓީމަކުން ބަލިމީހާގެ ގާތަށް ޒިޔާރަތްކޮށް، މެޑިކަލް ޗެކަޕްތައް ހަދައި، ބަލިމީހާ ބެލެހެއްޓުމުގައި އާއިލާއިން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ އިރުޝާދުތައް ދޭނެއެވެ.
މި ޚިދުމަތް ފެށުމަށްޓަކައި މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވަމުން ޑރ. ޒޭބާ ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަސް ނިމުމާއެކު މި ޚިދުމަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، އައިޖީއެމްއެޗުން ދަނީ ”ހޯމް ނާސިންގ ކެއަރ“ ގެ ޚިދުމަތް ފެށުމަށްވެސް ތައްޔާރުވަމުންނެވެ. މިއީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ދޫކޮށްލާ ޚާއްޞަ އެހީއަށް ބޭނުންވާ ބަލިމީހުންގެ ހާލަތު ގާތުން ބެލުމަށް ފަށާ ޕްރޮގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ޚިދުމަތްތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.


