ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮންނަ ލ. ގަމަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެއެވެ.
އަތޮޅުގެ ވެރިކަން ކުރާ ރަށަށްވުމާއެކު، ސިއްޙީ ޚިދުމަތް ހޯދުމަށާއި ވިޔަފާރީގެ ބޭނުންތަކަށް އަތޮޅުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ މި ރަށަކީ، ތަޢުލީމާއި، ޞިއްޙަތާއި، ތިމާވެށީގެ އިތުރުން އަސާސީ ޚިދުމަތްތަކުގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުންދާ ރަށެކެވެ. ރަށުގެ ގުދުރަތީ ރީތިކަމާއި އުމްރާނީ ކުރިއެރުމުގެ ސަބަބުން ޗުއްޓީ ދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު މި ރަށަށް ޒިޔާރަތްކުރާއިރު، ރަށްގިރުމުގެ މައްސަލައަކީ ރައްޔިތުންނާއި ޒިޔާރަތްކުރާ މީހުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ 21.11 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްތައް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިހާރު ކުރިއަށްދަނީ ގްރޮއިން ޖެހުމުގެ މަސައްކަތާއި ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ގަމުގެ ބަނދަރުގެ އުތުރު ފަޅިން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 30 މީޓަރުގެ ރިވެޓްމެންޓެއް ޖަހައި، 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 10,007 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިމުމުން ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވޭނެ ކަމަށް ސަރުކާރުން ދެކެއެވެ. މިއީ ރާއްޖޭގެ އެކި ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ފުޅާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.


