އދ. ފެންފުށީ ސްކޫލުގައި އަލަށް އިމާރާތްކުރާ 4 ކްލާސްރޫމުގެ މަސައްކަތް، މިއަހަރުގެ އާ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާލެވޭނެ ކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
ދެ ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން އާރްޑީސީން ވިދާޅުވީ، އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރެއާއި ބޭރުގެ ފިނިޝިން މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ފެންފުށީ ސްކޫލުގެ ކްލާސްރޫމް އިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކާއެވެ. އެ ފަހަރު މި މަސައްކަތް ޙަވާލުކުރީ 4.6 މިލިއަން ރުފިޔާއަށް، 5 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެ، މިދިޔަ އަހަރާ ޖެހެންދެންވެސް އެ މަސައްކަތް އޮތީ ނުނިމި ހުއްޓިފައެވެ.
މި މަސައްކަތް އަލުން އަވަސްވެގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ފެންފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުން އެކަމަށް އެދިލެއްވުމާ ގުޅިގެންނެވެ. 1،200 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ފެންފުށީ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ރައީސް ވަނީ، އާ ދިރާސީ އަހަރު ފެށުމުގެ ކުރިން އެ އިމާރާތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މަސައްކަތް އަވަސްކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް އާރްޑީސީއާ ޙަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި ޢަމަލީ މަސައްކަތް ޖުލައި މަހު ފަށާފައިވާއިރު، މިހާރު މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.


