ޒައި އިންވެސްޓްމަންޓްގެ ފަރާތުން ރަޖިސްޓަރީކޮށްގެން ހިންގަމުންދާ “ ކިޔު ސްޓަޑީ“ ”Q Study“ އަދި އެއާ ގުޅުންހުރި ބްރޭންޑްތަކުގެ ނަން އޮޅޭގޮތަށް ބަޔަކު ހަރަކާތްތަކެއް ހިންގަމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މިކަމާ ގުޅިގެން ޒައި އިންވެސްޓްމަންޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، Q Study Maldives، Q Study، Q Study World، Q World، International Education Expo، Q World Expo، Study Abroad އަދި International Study Abroad Educational Expo އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި އެ ކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނަންތަކެއް ކަމަށެވެ. ފާއިތުވި 7 އަހަރު ދުވަހު މި ނަންތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު އެޑިއުކޭޝަނަލް ފެއަރތަކެއް ހިންގައި، ގިނަ އަދަދެއްގެ ކުދިން މަތީ ތައުލީމަށް ރާއްޖޭން ބޭރަށް ފޮނުވާފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ނަމަވެސް، ބޭރު ބަޔަކާ ގުޅިގެން ”ލީގަލް އެއިޑް އެލް.އެލް.ޕީ“ ކިޔާ ބަޔަކު ”MY Q STUDY“ ގެ ނަމުގައި ވިޔަފާރި ނަމެއް ރަޖިސްޓަރީކޮށް، އާންމުންނަށް އޮޅޭނެ ފަދަ ގޮތަކަށް އިސްތިހާރު ކުރަމުންދާ ކަމުގެ ތުހުމަތު ޒައި އިންވެސްޓްމަންޓުން ކުރެއެވެ. މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުން، އެ ނަން ބަދަލުކުރުމަށް ”ލީގަލް އެއިޑް އެލް.އެލް.ޕީ“ އަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
އެހެންނަމަވެސް، ނަން ބަދަލުކުރުމަށް އަންގާފައިވަނިކޮށް، މި ހިނގާ ޖަނަވަރީ މަހުގެ 16 އަދި 17 ވަނަ ދުވަހު ބާސެލޯ ނަސަންދުރަ ހޮޓަލުގައި ”MY Q STUDY“ އަދި ”INTERNATIONAL STUDY ABROAD EDUCATION EXPO“ ގެ ނަން ބޭނުންކޮށްގެން އެކްސްޕޯއެއް ބޭއްވުމަށް ބަޔަކު ދަނީ އިސްތިހާރު ކުރަމުންނެވެ.
ޒައި އިންވެސްޓްމަންޓުން ފާހަގަކުރި ގޮތުގައި، މި އެކްސްޕޯއަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮތް ހަރަކާތެއް ނޫނެވެ. އަދި ”INTERNATIONAL STUDY ABROAD EDUCATION EXPO“ ގެ ނަމުގައި އެކްސްޕޯއެއް ހިންގުމުގެ ހުއްދަ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެއްވެސް ފަރާތަކަށް ދީފައިނުވާކަން އެ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މި ފަރާތްތަކުން ދަރިވަރުންގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ދަރިވަރުންނާއި ބެލެނިވެރިން މިކަމަށް ސަމާލުވުމަށް ޒައި އިންވެސްޓްމަންޓުން އިލްތިމާސްކުރެއެވެ. މި ހީލަތްތެރި އަމަލާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށާއި، މިހާރު މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.


