މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަކަމުގެ ތުޙުމަތުގައި 4 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެމީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 2ގެ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައިކަމަށެވެ.
ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ވަނީ ސަލާމަތްކޮށްފައެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ބިލާލުގެ، ޝުނީނު އަންވަރު (24އ) އާއި ސ. ހިތަދޫ / ބްލޫކޯނަރ، ޙުސައިން ނާހީ ޖަމާލު (23އ) އާއި ގދ. ތިނަދޫ / ކުލުނު، އަލީ ސަރީޚު އަންވަރު (23އ) އާއި ސ. މީދޫ / ހުވަދުމާވިލާ، އަޙްމަދު ލުޖައިން (24އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


