މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރު ކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ފެނުގެ ވިއުގަ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުން ކުރެވޭ ވަރަށް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ސިނަމާލެ ބުރިޖު މެދުވެރިކޮށް އަޅާފައިވާ މި ހޮޅި ބޭނުންކޮށްގެން މިހާރު ފެން ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ލަސްވެގެން ދިޔައީ ދެކޮޅުގައި ޤާއިމުކުރަންޖެހޭ ޕަންޕު ސްޓޭޝަންތަކުގެ މަސައްކަތް ނުނިމި އޮތުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް ހޮޅި އެޅުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރު ބުރިޖު ހުޅުވުމާ އެކުގައެވެ. ނަމަވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެއެވެ. މި މަސައްކަތް އަލުން ބާރުސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، މި ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތުގެ ދަށުންނެވެ.
މަތީން ވިދާޅުވި ގޮތުގައި، މި ވިއުގަ ފުލް ކެޕޭސިޓީގައި ބޭނުންކުރުމަށް އިތުރު ވަގުތު ބޭނުންވި ނަމަވެސް، މިހާރު ވެސް ބޭނުންވެއްޖެ ހާލަތެއްގައި ދުވާލެއްގެ މައްޗަށް ކޮޅަކަށް 2,000 ޓަނުގެ ފެން ޓްރާންސްފަރ ކުރެވޭނެއެވެ. ”ފުލް ކެޕޭސިޓީގައި ބޭނުން ކުރުމަކީ އޭގެ ޒާތުގައި ރެގިއުލާކޮށް ކޮންމެހެން ކުރަންޖެހޭ ކަމެއްވެސް ނޫން. ފެން ޕަންޕު ކުރުމަކީވެސް އިތުރު ކޮސްޓު އަދި ހަކަތަވެސްދާނެ ކަމެއް. އޭގައި ކަމެއް ބޮޑަށް ދިމާވާއިރު އެ ހޮޅި ބޮޑަށް ބޭނުން ކުރަން ޖެހޭނީ،“ މަތީން ވިދާޅުވިއެވެ.
މި ފެނުގެ ވިއުގައިގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. މި ނިޒާމަކީ ގަޑިއަކު 800 ޓަނުގެ ފެން ދައުރު ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މީގެ ސަބަބުން މާލެ ނުވަތަ ހުޅުމާލޭގެ ފެން ފޯރުކޮށްދިނުމުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދިނުމުގެ ފުރުޞަތު މިހާރު ވަނީ ތަނަވަސްވެފައެވެ.


