ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދެއްވުމަށް ނިންމަވާފައިވާ ރޯދަ ހަދިޔާގެ މަސްދަޅު ކޭސްތަކުގެ ބޮޑުބައި އުފައްދައި ނިންމާލައިފިއެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މިފްކޯގެ ސީނިއާ ޕީއާރު މެނޭޖަރ އަލްއުސްތާޛާ ޝިފްޒާ މުސްޠަފާ ”ޕީއެސްއެމް ނިއުސް“ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް ބޭނުންވާ 118,977 މަސްދަޅު ކޭހުގެ ތެރެއިން 115,078 ކޭސް މިހާރު ވަނީ އުފައްދައި ނިންމާފައެވެ. މިއީ މުޅި ޕްރޮޑަކްޝަންގެ 96.7 އިންސައްތައެވެ. މިފްކޯއިން މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ.
ޝިފްޒާ ވިދާޅުވި ގޮތުގައި، މިހާރު އުފެއްދުމަށް ބާކީ އޮތީ އެންމެ 3,899 ކޭހެވެ. މި މަސައްކަތް މާދަމާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ. މަސައްކަތް ނިންމުމަށް ކުރިން ކަނޑައެޅި ތާރީޚަށްވުރެ ކުޑަ ތަންކޮޅެއް ލަސްވީ، މި ދުވަސްވަރު ބާޒާރުގައި މަސްދަޅުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން އާންމު ވިޔަފާރިއަށް ބޭނުންވާ މަސްދަޅު ފޯރުކޮށްދިނުމަށް އިސްކަންދޭން ޖެހުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ސަރުކާރުން މަސްދަޅު ބަހަން ފަށަންވާ އިރަށް ހުރިހާ ތައްޔާރީތަކެއް ނިމޭނެ ކަމުގެ ޔަގީންކަން މިފްކޯއިން ދެއެވެ.
މިފަހަރުގެ ރޯދަ ހަދިޔާ ބެހުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި އެސްޓީއޯއާ ގުޅިގެންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަސޭހައިން މަސްދަޅު ފޯރުކޮށްދިނުމަށްޓަކައި، އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައި މިހާރުވެސް ބައެއް ސްޓޮކް ވަނީ ރައްކާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި މި ސިޔާސަތުގެ ދަށުން، މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ވަނީ ޖުމްލަ 111,231 މަސްދަޅު ކޭސް ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ދޫކުރި 50,519 ކޭހާއި އަތޮޅުތަކަށް ފޮނުވި 60,712 ކޭސް ހިމެނެއެވެ.
މަސްދަޅުގެ އިތުރުން، މި އަހަރުގެ ރަމަޟާން މަހު ރައްޔިތުންގެ ތަކުލީފުތައް ކުޑަކުރުމުގެ ގޮތުން ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން، ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް އަންނާނީ 400 ރުފިޔާގެ ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނު ކުރައްވާފައެވެ.


