ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ޓިކްޓޮކްގެ އިސްވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ސްވިޒަލޭންޑުގެ ދާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ސަޢީދު ވަނީ ޓިކްޓޮކްގެ މެޓަޕްސާ ސަރަހައްދުގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރު ގެލެންއާ ބައްދަލުކުރައްވާފައެވެ.
އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ ދިވެހި އުފެއްދުންތެރިންނަށް ޓިކްޓޮކް ޕްލެޓްފޯމް މޮނަޓައިޒް ކުރެވޭނެ ނުވަތަ އެއިން މަންފާ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ، ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކުން އާމްދަނީ ހޯދޭނެ މަގުތައް ކޮށައިދިނުމުގެ ވަޢުދުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ސަޢީދު ވިދާޅުވީ، މިފަދަ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކާއެކު ގާއިމުކުރެވޭ ގުޅުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ފުރުސަތުތައް ފަހިވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި އަމަލީ ނަތީޖާއަކާ ހަމައަށް ދިއުމަށް ސަރުކާރުން ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމަށްޓަކައި އެ ކުންފުނީގެ ރީޖަނަލް އޮފީސްތަކާ މަޝްވަރާކުރަން ފަށާފައިވާ ކަމަށާއި، މިކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިފައިވާނެ ކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. މީގެ ކުރިންވެސް ޓިކްޓޮކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، މިކަމާ ގުޅޭގޮތުން އިޤްތިޞާދީ ވުޒާރާއާއެކު މަޝްވަރާތަކެއް ބާއްވާފައިވާކަން ފާހަގަކުރެވެއެވެ.


