އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ، ހީވާގި ދަރީންތަކެއް ބިނާކުރެވޭނީ ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށުމާގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައިވަނީ ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށާއި، ބެލެނިވެރީންނާއި ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވީ ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއްކަމަށެވެ. އަދި ދިވެހީން އެދޭ ފާގަތި ކުރިމަގު މި ޤައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218އެއްހާ ސްކްލްގައި 77،000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދާނެއެވެ. އަދި ދަރިވަރުންނަށް އުނގަންނައިދިނުމަށް ސަރުކާރުގެ ސްކޫލްތަކުގައި 10500 މުދައްރިސުން ހަރަކާތްތެރިވާނެކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.


