ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ’އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް‘ މަޝްރޫޢުގެ ބިންގާ ރަސްމީކޮށް އަޅައިފިއެވެ. ނ. އަތޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. ސަރުކާރުން މި މަޝްރޫޢުގެ ހުއްދަ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައެވެ.
ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢަކީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ ބޮޑު އިންވެސްޓްމެންޓެކެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް ވަނީ އެއްކޮށް ނިންމާލާފައެވެ.
އައިލާ ސަސްޓެއިނަބަލް ޓައުންޝިޕްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް މި މަޝްރޫޢު ބައްޓަންކޮށްފައިވުމެވެ. އެގޮތުން އެތަނަށް ބޭނުންވާ ކަރަންޓުގެ 60 އިންސައްތަ އުފެއްދުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިންނެވެ. މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް މި ސަރަހައްދުގައި ޤާއިމުކުރެވޭނެއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނެއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް މި ޓައުންޝިޕް އޮޕަރޭޝަނަށް ގެނައުމެވެ. މިއީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭނެ ތަފާތު، އަދި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްޤީގެ ނަމޫނާއަކަށް ވާނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢު ނިމުމުން، މިއީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށާއި، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ފުރިހަމައަށް ލިބިގެންދާނެ ތަނަކަށް ވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓުގެ އައު މޫނުމައްޗަށް ވެގެންދާއިރު، މީގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުޞަތުތައް އުފެދި، ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން އައު ދޮރުތަކެއް ހުޅުވި، ރާއްޖޭގެ އިޤުތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.


