ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތައާރަފުކުރި ޑިޖިޓަލް ވޮލެޓް، ’ސްވައިޕް’ގެ ލިމިޓެޑް ރިލީޒުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަރުމާކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. ބީއެމްއެލްއިން ވިދާޅުވީ، މި ލިމިޓެޑް ރިލީޒުގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ swipe.mv މެދުވެރިކޮށް ރަޖިސްޓްރީވާ ފުރަތަމަ 5,000 ކަސްޓަމަރުންނަށް ކަމަށެވެ.
ރަޖިސްޓްރީވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ގިނަ ފީޗަރތަކެއް ބޭނުން ކުރެވޭނެއެވެ. އޭގެ ތެރޭގައި ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކާއި، ކިއުއާރު ކޯޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ އިތުރުން، ވޮލެޓް މެދުވެރިކޮށް ހޭދަކުރާ ގޮތުގެ އިންސައިޓްސް ބަލައިލުން ހިމެނެއެވެ. މީގެ އިތުރުން ޕޭމަންޓް ލިންކް ފޮނުވައިގެން ފައިސާ ހޯދުމާއި، ފަސޭހަކަމާއެކު ވޮލެޓް ޓޮޕްއަޕްކޮށް، ވޮލެޓުގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި ބައިނަލްއަޤުވާމީ ޕޭމަންޓް ސްޓޭންޑާޑުތަކާ އެއްގޮތަށެވެ. މިއީ މަލްޓި-ކަރަންސީ ވޮލެޓެއް ކަމުން، ވޮލެޓް ޓޮޕްއަޕް ކުރުމަށް ބީއެމްއެލްގެ ކޮންމެ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭނެއެވެ.
ސްވައިޕްގެ ސަބަބުން ލިބިގެންދާނެ މުހިންމު ފައިދާތައް:
- ދިވެހިރާއްޖޭގެ އުފެއްދުންތައް ބޭރު ޤައުމުތަކަށް ފޮނުވުމަށް މަގުފަހިވުން.
- ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބުން.
- ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓުތަކާ އެއް ފެންވަރެއްގެ ޚިދުމަތެއް ލިބުން.
- ދިވެހި ޒުވާނުންގެ ފިންޓެކް ހުނަރު މުޅި ދުނިޔެއަށް ހާމަވެގެންދިއުން.
- ދިވެހިރާއްޖެ މުޅި ދުނިޔޭގެ މާލީ ނިޒާމާ ގުޅުވައިދިނުން.
ޒަމާނީ ސަލާމަތީ ފިޔަވަޅުތަކާއެކު ތަރައްޤީކޮށްފައިވާ މި ވޮލެޓަކީ ފްރީލާންސަރުންނާއި އޮންލައިން ވިޔަފާރިވެރިންނަށް ބޭރުގެ ކްލައިންޓުންގެ އަތުން ފައިސާ ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް މިއީ ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރެވޭނެ ފަސޭހަ ވަސީލަތެކެވެ.
ބީއެމްއެލްއިން ’ސްވައިޕް‘ ފުރަތަމަ އިފްތިތާޙު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ބޭންކުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މި ޚިދުމަތް ފުރިހަމައަށް އާންމުންނަށް ދޫކޮށްލުމެވެ.


