ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 2،888 މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ 17 އިން ފެށިގެން ފެބްރުއަރީ 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 3،413 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް ހުށަހެޅި 1،865 ފޯމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހުށަހެޅި 1،548 ފޯމެވެ.
މިހާތަނަށް ކޮމިޝަނުން ސައްހަކަމަށް ކަނޑައަޅައި ބަލައިގަތް ފޯމުތަކުގެ ތަފްސީލަށް ބަލާއިރު، ކައުންސިލްތަކަށް ވާދަކުރާ 1،556 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1،332 ކެންޑިޑޭޓުންގެ ފޯމު ހިމެނެއެވެ. ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވެސް ގިނަ އަދަދެއްގެ ބަޔަކު މި އިންތިޚާބުގައި ވާދަކުރުމަށް ވަނީ ހުށަހަޅާފައެވެ.
ކެންޑިޑެސީ ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ފޯމުތަކުގެ ތެރޭގައި ކައުންސިލް އިންތިޚާބަށް ހުށަހެޅި 309 ފޯމަކާއި، އަންހެނުންގެ ކޮމިޓީތަކަށް ހުށަހެޅި 216 ފޯމެއް ހިމެނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ކެންޑިޑެސީ ބަލައިނުގަތް މައިގަނޑު ސަބަބުތަކަކީ:
- ކުށާއި ދަރަނީގެ ރެކޯޑު މުޅި އުމުރަށް ހުށަހަޅާފައިނުވުން.
- ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ، އެކަމުގެ ތަފްސީލު ހުށަހަޅާފައިނުވުން.
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކުރަންޖެހޭ ކުށުގެ ރެކޯޑު ހުށަހަޅާފައިނުވުން.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.


