ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ އަދި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދާނެ ފަސް އަހަރު ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ ޒިންމާވެސް އުފުއްލަވާ ފަލާހު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް އެ ސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
ފަލާހުގެ ވާހަކަފުޅުގައި މި ސަރުކާރުން އިޖުތިމާއީ ގޮތުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ސްކޫލް ކުދިން ވޭޕް ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއި، މާލޭގެ ގޭންގު ކުށްތައް މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައި، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގައުމަށް ފައިދާހުރި މުހިންމު ގާނޫނީ އިސްލާހުތައް ގެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ދުރާލާ ރާވައިގެން، ތަރުތީބުކޮށްގެން އަދި ފައިސާ ހޯދާނެ ގޮތްތައްވެސް ހަމަޖައްސައިގެން،
ފަލާހު
އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، ކުރީ ސަރުކާރުން ރަށްރަށުގައި ހިންގި މަޝްރޫއުތައް ހުރީ ވަރަށް ބޮޑަށް ފަރުވާކުޑަކޮށް ކަމަށެވެ. މިސާލެއްގެ ގޮތުން ރ. އަތޮޅުގެ ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް ބޭނުންކުރަން ނުފަށަނީސް ހަލާކުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރާ ހަވާލުވިއިރު، މަޝްރޫއުތައް ކުރިއަށް ގެންދާނެ ފައިސާ ބަޖެޓުގައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ފަލާހު ވިދާޅުވީ، 75،000 މެންބަރުންނާއެކު ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޕީއެންސީން ނެރެފައިވަނީ އެންމެ ގާބިލް ކެންޑިޑޭޓުން ކަމަށެވެ. ރައީސް މުޢިއްޒުގެ ވައުދުތައް ބާރު ސްޕީޑުގައި ފުއްދުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލަރުން ހޮވުމަކީ ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.


