އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ’ސްކޫޕް‘ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ. މިއީ ގޭންގްތައް ހުއްޓުވުމަށްޓަކައި އަލަށް އަމަލުކުރަން ފެށި ގާނޫނުގެ ދަށުން، ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މިއަހަރުގެ ޖަނަވަރީ މަހުގެ މެދުތެރޭގައެވެ. މި މައްސަލަ ކޯޓަށް ބަލައިގަތް ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް ކޯޓުން އަދި ހާމައެއް ނުކުރެއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ’ސްކޫޕް‘ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅީ ފުލުހުން ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު، އެ ގްރޫޕުގައި ގޭންގެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާތީއެވެ. އަދި އެ ގްރޫޕުން މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ޕީޖީ އޮފީހުން ތުހުމަތުކުރެއެވެ.
މި މައްސަލައިގައި ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ:
- ’ސްކޫޕް‘ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުން.
- އެ ގްރޫޕަށް ނިސްބަތްވާ ނުވަ މީހަކީ ގޭންގު މެންބަރުން ކަމަށް ކަނޑައަޅައިދިނުން.
- އެ ގްރޫޕާ ގުޅުން އޮންނަ ”އެސް ކޭ ޕީ ސްޕޯޓްސް ކްލަބް“ އުވާލަން ސްޕޯޓްސް ކޮމިޝަނަރަށް އަމުރުކޮށްދިނުން.
- ”ސްކޫޕް“، ”ސްކޫޕް ކަންމަތި“ އަދި ”އެސްކޭޕީ“ ލިޔެފައިވާ ފާރުތަކާއި ތަންތަނުން އެ ނަންތައް ފޮހެލަން އައްޑޫ ސިޓީ ކައުންސިލަށް އަމުރުކޮށްދިނުން.
މީގެ ކުރިންވެސް އެހެން ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ފުލުހުން އެދުނު ނަމަވެސް، ހެކި މަދުވުމުގެ ސަބަބުން ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން މިހާރު ރާއްޖޭގައި ގޭންގުތަކުގެ ގޮތުގައި ކިޔޭނެ ގްރޫޕުތައް ވަރަށް މަދުވެފައިވާ ކަމަށެވެ. އަދި ގޭންގުތަކުގެ ޝަރުތު ހަމަވާ ބަޔަކު ނެތް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ގޭންގު ހުއްޓުވުމުގެ ގާނޫނު ބުނާގޮތުން، ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން އެ މީހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެއެވެ. ޕީޖީ އޮފީހުން ބުނީ ކޯޓުން މިކަމުގައި ގޮތެއް ނިންމުމުން، ފުލުހުންނާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.


