މާލޭ ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖްގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑުން ނިންމައިފިއެވެ.
އެމްޕީއެލުން ގެނައި މި ބަދަލާއެކު، މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރަށް ނުލައި ގެންނަ މުދަލުގެ ތެރެއިން ”އޯޕަން ސްޓޯރޭޖް އޭރިޔާ“ ގައި ރައްކާކުރާ މުދަލަށް ދޭ ”ފްރީ ސްޓޯރޭޖް“ މުއްދަތު ވަނީ 5 ދުވަހުން 10 ދުވަހަށް އިތުރުކޮށްފައެވެ. މިއީ ކުރިން ދެމުން އައި މުއްދަތުގެ ދެގުނަ އިތުރުވުމެކެވެ.
މި ނިންމުމާ ގުޅޭގޮތުން އެމްޕީއެލުން ހާމަކޮށްފައިވާ ގޮތުގައި، ޑެމަރޭޖް ނާރާ ގޮތަށް މި މުއްދަތު އިތުރުކޮށްދީފައިވަނީ ކޮންވެންޝަނަލް މުދަލަށެވެ. ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ މުދާ މި ބަދަލުގެ ތެރޭގައި ނުހިމެނެއެވެ. މި އާ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށެވެ.
މި ބަދަލަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށާއި، އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ގެންނެވި ހެޔޮ ބަދަލެކެވެ.
ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން، މުދާ އެތެރެކުރުމުގެ މަރުހަލާގައި އެމްއޭސީއެލްގައި ޑެމަރޭޖް ނާރާ ހޭދަވާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކުރުމަށާއި، މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
އެމްޕީއެލުން ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް، ޚާއްޞަކޮށް ކުދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުރާސްތާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.


