ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މަރުހަލާގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާއި ސްޓޭކްހޯލްޑަރުން ހިމެނޭ ގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ.
ކަސްޓަމްސް ބިލްޑިންގްގައި ބޭއްވުނު މި ފޯރަމަކީ، ރާއްޖެއަށް މުދާ އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ކުރިއަށްދިޔަ ހަރަކާތެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމްގައި ކަސްޓަމްސް، ބަނދަރުތަކާ ބެހޭ އިދާރާތައް، މުދާ ކްލިއަރކުރުމުގައި ހަރަކާތްތެރިވާ އެޖެންޓުންނާއި ބްރޯކަރުންގެ އިތުރުން، މުދާ އެތެރެކުރުމުގެ ހުއްދަ ދޫކުރާ ސަރުކާރުގެ އެކި އިދާރާތައް ހިމެނޭހެން 60 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވިއެވެ.
މި ފޯރަމްގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ކެމިކަލްގެ ބާވަތްތަކަށް ހުއްދަ ދޫކުރުމުގައި ހުރި ދަތިތައް.
- ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ކްލިއަރކުރުން އަވަސްކުރުން.
- ގަސްގަހާގެއްސާއި ޖަނަވާރު އެތެރެކުރުމުގެ އުޞޫލުތައް ފަސޭހަކުރުން.
- އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް ދޭ ހުއްދަތަކަށް ލުއިގޮތްތަކެއް ހޯދުން.
ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްވަރާތަކުގައި މިހާރުން މިހާރަށް އެޅެންހުރި ފިޔަވަޅުތަކުގެ އިތުރުން، މެދުރާސްތާ އަދި ދިގުރާސްތާގައި ގެނެވޭނެ ހައްލުތަކާ ގުޅޭގޮތުން ވެސް ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައެވެ. އަދި މި ފޯރަމުން ނިންމި ކަންކަން ތާވަލަކާ އެއްގޮތަށް ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ.
ފޯރަމް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުލް ރަޝީދު އިބްރާހީމް ވިދާޅުވީ، ކަސްޓަމްސްގެ އަމާޒަކީ ބަނދަރުތަކުގައި މުދާ ކްލިއަރކުރުމުގައި ދިމާވާ ލަސްތައް ނައްތާލައި، އެއްވެސް މައްސަލައެއް ނެތް ފަދަ އޮމާން ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ކްލިއަރަންސް ޕްރޮސެސް ހަލުވިކުރުމަށް ކަސްޓަމްސްއިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.


