އައްޑޫ ސިޓީގެ މައި މަގު ކަމުގައިވާ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢަކީ އައްޑޫގެ ރައްޔިތުންގެ ގިނަ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އައްޑޫ ލިންކު ރޯޑަކީ 2003 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މަގަކަށްވާއިރު، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެކަށީގެންވާ މަރާމާތެއް ނުކުރެވި އޮތުމުގެ ސަބަބުން މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އާރްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދާ ސާވޭގެ މަސައްކަތްތައް ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެއެވެ. އަދި ސާވޭ ނިމުމާއެކު މަގު ހެދުމުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާނެއެވެ.
މަޝްރޫޢުގެ ތަފްސީލު:
- މަޝްރޫޢުގެ އަގު: 829 މިލިއަން ރުފިޔާ.
- މަސައްކަތް ނިންމަންޖެހޭ މުއްދަތު: 3 އަހަރާއި 11 މަސް ދުވަސް.
- މަސައްކަތުގެ ދާއިރާ: 12.3 ކިލޯމީޓަރުގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ހެދުމާއި، ސީޓީބީ އަޅާފައިވާ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން.
- ހިމެނޭ އިތުރު މަސައްކަތް: ފެން ހިންދާ ނިޒާމު ޤާއިމުކުރުން، ދުވާރު ހެދުން، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުން.
އައްޑޫގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުން ނުރައްކާތެރި އެތައް އެކްސިޑެންޓުތަކެއް ހިނގައި، ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.
އާރްޑީސީން ވިދާޅުވީ މި މަޝްރޫޢަކީ އައްޑޫގެ ތަރައްޤީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ލިންކު ރޯޑުގެ އިތުރުން އައްޑޫގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ރޭވުމާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢު ނިމުމުން އައްޑޫގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރައްވައެވެ.


