ރ. އަތޮޅުގެ އާބާދީ ބޮޑު ދެ ރަށް ކަމަށްވާ އުނގޫފާރާއި ދުވާފަރާ ދެމެދު އާރްޓީއެލް ފެރީގެ ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ދިވެހިރާއްޖެ ހައިސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ ”އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް“ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި މި އައު ރޫޓު ފެށުމަށް ނިންމީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެ މަގުސަދުގައެވެ.
މި އައު ރޫޓުގެ ޚިދުމަތް ރަސްމީކޮށް މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެއެވެ. މި ރޫޓުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 25 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ. މީގެ ތެރެއިން 2 ސީޓު ޚާއްޞަކޮށްފައިވަނީ އެންސްޕާގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. މި ދަތުރުތައް ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ކުރިއަށްދާނެއެވެ.
ރ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އުނގޫފާރާއި، 3000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ދުވާފަރާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. ޚާއްޞަކޮށް އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް މީގެ ސަބަބުން ވަގުތު ސަލާމަތްވެ، ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ރ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މިހާތަނަށް އެ އަތޮޅުގައި ޚިދުމަތް ދެމުން އައީ 2 ފެރީ ބޭނުންކޮށްގެން 3 ރޫޓެއްގައެވެ. 15 ރަށް ހިމެނޭ އަދި ގާތްގަނޑަކަށް 24،000 މީހުންގެ އާބާދީއެއް އޮތް ރ. އަތޮޅަށް މި ގެނެވުނު ބަދަލާއެކު ފެރީގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ.


