ރާއްޖޭގައި ތެރަޕީގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ފެންވަރެއްގައި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުރިހާ ބާވަތެއްގެ ތެރަޕީތަކަށް ޚާއްސަ ”ސްޓޭޓް އޮފް ދި އާރޓް“ ތެރަޕީ ސެންޓަރެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ”ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރު“ ގެ ނަމުގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. މި ސެންޓަރުން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބިގެންދާނެ ކަމަށާއި، މި މަސައްކަތް މިއަހަރުގެ މެދުތެރޭގައި އަމަލީގޮތުން ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދަ އާރޓް ތެރަޕީ ސެންޓަރެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު މެދުތެރޭގައި ފަށާނަން. އަދި މި ސެންޓަރުގެ ގޮފިތައް އެހެން ހުރިހާ ސިޓީ ތަކެއްގައި ޤާއިމް ކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ފެށިގެންދާނެ،
ރައީސް
ސިއްޙީ ފަރުވާގައި ތެރަޕީއަކީ މުހިއްމު ޚިދުމަތަކަށް ވީނަމަވެސް، މިހާރު ސަރުކާރު ހޮސްޕިޓަލްތަކާއި އަމިއްލަ ކްލިނިކްތަކުގައި މި ޚިދުމަތް ދެވޭނެ އެކަށީގެންވާ ޤާބިލުކަމެއް ނެތުމުން، ޚިދުމަތް ފުޅާކުރުމަކީ ސިއްޙީ ނިޒާމަށް ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އާސަންދަ މެދުވެރިކޮށް ތެރަޕީގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައި، އެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ނިންމަވާފައެވެ.
މީގެ އިތުރުން، މި ދާއިރާގައި އިންސާނީ ވަޞީލަތް މަދުވުމުގެ މައްސަލައަށް ޙައްލެއް ގެންނެވުމަށްޓަކައި، 250 ދިވެހި ތެރަޕިސްޓުން ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރުގެ މާރިޗު މަހު ފެއްޓެވުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މި މަޝްރޫޢުގެ ދަށުން ޑިގްރީ ފެންވަރަށް ތަޢުލީމާއި ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި، ސްޕީޗް ތެރަޕިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުން ހިމެނޭހެން 50 ތެރަޕިސްޓުން ރާއްޖެއަށް ގެންނެވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ފިޔަވަޅުތަކާއެކު، ރާއްޖޭގެ ތެރަޕީގެ ޚިދުމަތަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.


