އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮންޕްލެކްސްގެ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިމި، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ބަނދަރުގެ ހާލަތު ހުރިގޮތުން މަސްކިރުވުމުގައާއި، ބޮޑެތި ބޯޓުފަހަރު ބަނދަރަށް ވަދެ ނިކުމެ އުޅުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި 2019 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މަސައްކަތެކެވެ.
މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ އައްޑޫ ސައިޓް މެނޭޖަރ ޖަވާދު އަލީ ވިދާޅުވީ، މިހާރު ކުރިއަށްދަނީ ޕޭމަންޓް އެޅުމާއި ރޭމްޕް ހެދުމުގެ މަސައްކަތް ކަމަށެވެ. ”ޕޭމަންޓު އެޅުމުގެ މަސައްކަތާއި ރޭމްޕު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދިއޭ. މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައި. އުންމީދަކީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި، އެއީ އޭޕްރީލް މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލުން،“ ޖަވާދު ވިދާޅުވިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، މި ބަނދަރު ތަރައްޤީވެ ނިމުމުން މަސް އެކްސްޕޯޓް ކުރުމަށާއި ކުންފުނީގެ އޮޕަރޭޝަންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް، ގަންނަ މަސް ބޭރުގެ މާކެޓްތަކަށް ފޮނުވުމަށާއި، އެއް ތަނުން އަނެއް ތަނަށް މަސް ބަދަލުކުރުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް ނިމުމެއް އަންނާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ފެސިލިޓީއެއް ނަމަވެސް، ބަނދަރުގެ ދަތިކަމާ ހުރެ މަސް ބޭރުކުރުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
ޖުމްލަ 68.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ އިތުރުން 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިމުމާއެކު އައްޑޫ ސިޓީގެ މަސްވެރިކަމުގެ ސިނާޢަތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.


