ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އައު ވެބްސައިޓް ލޯންޗުކޮށްފިއެވެ.
އެ ވެބްސައިޓު ލޯންޗުކޮށްފައި ވަނީ ހުޅުމާލޭގެ އާ މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި އެޗްޑީސީގެ އައު ވެބްސައިޓް ލޯންޗުކޮށްދެއްވީ މިނިސްޓާރ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މައުރޫފު ޖަމީލު ވިދާޅުވީ މި އާ ވެބްސައިޓްގެ ސަބަބުން އެޗްޑީސީގެ ހިންގުމުގެ ނިޒާމު ބޮޑުތަނުން ހަރުދަނާވާނެ ކަމަށެވެ.
ހަމައެހެންމެ އެޗްޑީސީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށް މައުރޫފްވިދާޅުވިއެވެ.
”އެ ވެބްސައިޓްގައި ހިމެނޭ މުހިންމު ފީޗާތަަކުގެ ތެރޭގައި ވިސްލްބްލޯވަރުންނަށް ހާއްސަ ޕޯޓަލްއެއް ހިމެނޭ، މި ޕޯޓަލްގެ ސަބަބުން ވިސްލްބްލޯވަރުންނަށް ފަސޭހައިން ބައިވެރިވެވޭނެ“ މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން އެޗްޑީސީގެ އައު ވެބްސައިޓްގެ ތެރެއިން ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއްވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްލޭންގެ ސަބަބުން އެޗްޑީސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް މައުރޫފު ވިދާޅުވިއެވެ.
އެޗްޑީސީގެ އައު ވެބްސައިޓް ތަރައްޤީކުރެވިފައި ވަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި އެހާމެ ލުއިފަސޭހަކަމާއެކު ލިބިގަނެވޭނެ ފަދަ ގޮތަކަށެވެ.
މިގޮތުން މި ބަދަލުތަކާއެކު ބިލްޑިންގް އެޕްރޫވަލްސް އަދި ބިޑް އެޕްރޫވަލްސްގެ ދުވެލި ހަލުވިވެގެންދާނެއެވެ.