ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށާއި އެ މައްސަލައިގައި ތަޙުޤީޤީ އިދާރާތަކުން ކަންކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިންމައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވި ރިޕޯޓް ވަގުތުން ހާމަކުރަން އެމަނިކުފާނު އަންގަވައިފިއެވެ.
ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ނިންމައި ދެ ހަފްތާއެއްހާ ދުވަސްތެރޭ ރައީސަށް ހުށަހަޅާނެކަމަށް އެ ކޮމިޝަނުން ބުނީ ޖޫން މަހުގެ އެއްވަނަ ދުވަހެވެ.
ރިޕޯޓް ހާމަކުރުމަށް އެމަނިކުފާނު އެންގެވީ، ރިޔާސީ ކޮމިޝަނުން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓާ ޙަވާލާދެއްވައެވެ.
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޔުމްނުއަށް މެލޭޝިއާގައި މިހާރުވެސް ގެންދަނީ ފަރުވާދެމުންނެވެ.