ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބުނު ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓު ރިވިއު ކުރުމަށްފަހު އެލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފުލެޓް ނުލިބޭ މީހުންނަށް އެކަން ހައުސިން މިނިސްޓްރީން އަންގަން ފަށައިފި އެވެ.
މި ލިސްޓުން މިހާރު އުނިވަނީ މީގެކުރިން ސަރުކާރުން ކުރިއަށްގެންދިޔަ ސޯޝަލް ހައުސިން ސްކީމަކުން ފްލެޓް ލިބިފައިވާ މީހުންނާއި މާލޭގައި 15 އަހަރު އުޅުނުކަން ޔަޤީން ނުވާ މީހުންނެވެ. ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ، އޭގެ ތެރެއިން އެކަކު ފްލެޓް އިހްތިޔާރުކުރުމުގެ ފުރުސަތު ދެ އެވެ.
ފްލެޓްތަކާ ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ. 4000 ފުލެޓު ލިސްޓުގައި ކުރިން ހިމެނޭ މީހުންގެ ތެރެއިން ފުލެޓް ނުލިބޭ މީހުންނަށް އެކަން ލިޔުމަކުން އަންގާނެކަމަށާއި އަދި އެމީހުންނަށް އެޕީލް ކުރުމުގެ ފުރުޞަތުވެސް ދެއްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.