ޗެކުޕޮއިންޓަށް މަޑުނުކޮށް ފުލުހަކުގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިރޭ 20:20 އެހައިކަންހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން، އެ ސައިކަލު ދުއްވި، މާލެ، މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ (18 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. ޔޫނުސް ޚަލީލް ޢަބްދުﷲ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަކަމަށް ފުލުހުން ބުންޏެވެ.
ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.