މިމަހުގެ މިހާތަނަށް މަސްވެރިންގެ 46.4 މިލިޔަން ރުފިޔާގެ މަސް މިފްކޯއަށް ގަނެފިއެވެ.
މިފްކޯއިން ބުނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މަސްވެރިންގެ އަތުން 16.7 މިލިޔަން ރުފިޔާގެ މަސް ގަނެފައިވާކަމަށެވެ. މިމަހު ދެވަނަ ހަފްތާގައި މަސްވެރިންނަށް ކިރުވި މަހަށް 8.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މި މަހުގެ ތިންވަނަ ހަފްތާގައި މަސްވެރިން އަތުން ގަނެފައިވަނީ 11.6 މިލިޔަން ރުފިޔާގެ މަހެވެ. މިދިޔަ ހަފްތާގައި އެކުންފުނިންވަނީ މަސްވެރިންގެ އަތުން 9.8 މިލިޔަން ރުފިޔާގެ މަސް ގަނެފައެވެ.
މިމަހު މިހާތަނަށް މަސްވެރިންގެ އަތުން 46.4 މިލިޔަން ރުފިޔާގެ މަސް މިފްކޯއިން ގަނެފައިވާއިރު އެންސިސްއިންވެސް އަންނަނީ ފުޅާދާއިރާއެއްގައި މަސްވެރިންގެ އަތުން މަސް ގަންނަމުންނެވެ. މިގޮތުން މަސް ބާނާ ސަރަހައްދުތަކަށް އެންސިސްގެ މަސް ގަންނަ ދޯނިފަހަރު ފޮނުވައިގެން މަސް ގަނެއެވެ. މިވަގުތުވެސް ލ އަދި ތ އަތޮޅުގައި އެންސިސްގެ މަސްގަންނަ ދޯނިފަހަރު ދަނީ ހަރަކާތްތެރިވަމުންނެވެ. މަސް ގަތުމަށް އެންސިސްއިން ބޭނުންކުރަނީ ’އޯޝަން ރޭންޖަރ“އާއި ”މަސްވާރު“ އެވެ. އަދި ހުޅުމާލޭ އެންސިސް ޖެޓީއަށްވެސް ދަނީ މަސް ގަންނަމުންނެވެ. މީގެއިތުރުން ހޮރައިޒަންއަށްވެސް ގިނަ އަދަދަކަށް މަސްގަނެއެވެ.