ބޭރުގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް އަދި ވިޔަފާރީގެ ފުރުސަތުތައް އަންގައިދިނުމަށްޓަކައި ސިންގަޕޫރުގައި ”ބިޒްނަސް ފޯރަމް“ އެއް ވަނީ ފެށިފައެވެ. މި ފޯރަމްގައި 200 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގައި އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުން ނިމުމަކަށް ގެނެސް، އެސްއީޒެޑް، މަސްވެރިކަން އަދި ބަންކަރިންގ ފަދަ އެހެނިހެން ދާއިރާތަކުން ވެސް ގައުމު ތަރައްޤީކުރުމަށެވެ.
މި ފޯރަމަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޚާއްސަ ފޯރަމެކެވެ. މި ފޯރަމްގައި ރައީސް މުޢިއްޒާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން، ސިންގަޕޫރުގެ ތިމާވެށީގެ ވަޒީރު ގްރޭސް ފު ހައި ޔެއިން ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
ދެ ގައުމުގެ ވިޔަފާރިވެރިން ހިމެނޭގޮތަށް ބޭއްވުނު މި ފޯރަމްގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި، ސަރުކާރުން ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތު ބައިވެރިންނާ ހިއްސާކުރެވުނެވެ. އަދި ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ވަނީ އެކި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރައްވާފައެވެ.
ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ހާމަކުރުމަށް މިފަދަ ފޯރަމްތައް ޗައިނާ، ޔޫއޭއީ، މެލޭޝިޔާ އަދި އިންޑިއާގައިވެސް ވަނީ ކާމިޔާބުކަމާއެކު ބޭއްވިފައެވެ.