ސިންގަޕޫރަކީ ދިވެހިން ތަރައްޤީ ތަޞައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސް ވިދާޅުވީ، އެމަނިކުފާނު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައްވާފައެވެ.
”ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރާ މި މުނާސަބު ވަގުތާއެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ގުޅުން ޤާއިމްވުމުގެ މާކުރިންވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެކެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި 2014 ވަނަ އަހަރު ކުރިމަތިވި މާލޭގެ ފެނުގެ ކާރިސާގައި ސިންގަޕޫރުން ދެއްވި އެހީތެރިކަން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހުޅުމާލޭ ޣާޒީ ސްކޫލަކީވެސް އެ ޤައުމުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ތަނެއްކަން ފާހަގަކުރެއްވިއެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވިދާޅުވި ގޮތުގައި، ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމުގެ ތަޖުރިބާތައް ބަލައިގަންނަން ޖެހެއެވެ.
”ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ޤައުމެއް، އަދި ސިންގަޕޫރަކީ ވިޔަފާރިއާއި މާލީ ދާއިރާގައި ކުރިއެރުން ހޯދާފައިވާ ޤައުމެއް.“ ތަރްމަން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގެ ކުރިން، ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްވުމާ ދިމާކޮށް ފަރުމާކޮށްފައިވާ ޚާއްޞަ ސްޓޭމްޕެއް ދެ ޤައުމުގެ ރައީސުން ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގައި ބަދަލުވަމުން އަންނަ ދުނިޔޭގައި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ދެ ޤައުމުގެ ވެރިން ފާހަގަކުރެއްވިއެވެ.