ތިލަފުށި ބްރިޖު މަޝްރޫޢުގެ އެންމެ ގޮންޖެހުންތެރި މަރުހަލާ ކަމުގައިވާ ޕައިލިންގ މަސައްކަތް ވަނީ ފުރިހަމަކޮށް ނިންމާލެވިފައި ވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިނިސްޓަރު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މުޅި މަޝްރޫޢުގެ 60.84 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން 263 ޕައިލް ވަނީ ކަނޑާއި އެއްގަމުގެ 68 ތަނެއްގައި ޤާއިމުކުރެވިފައެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެފްކޮންސް ކުންފުނިން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއެއް ކަމުގައިވާއިރު، 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއެކެވެ.
މި މަޝްރޫޢު ފެށުނީ 2021 ސެޕްޓެމްބަރު 16 ގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. އޭރު މަޝްރޫޢުގެ މަސައްކަތް ލަސްވެފައިވީ ނަމަވެސް، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް އަންނަނީ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދަވަމުންނެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފަހުކޮޅަށް މި މަޝްރޫޢު ފުރިހަމަކޮށް ނިންމުމެވެ.