އައްޑޫސިޓީގައި އެންމެ ފުޅާކޮށް މަސްތުވާތަކެތި ވިޔަފާރިކުރާ މީހުން އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފަށާފައިވާ އަލިމަގު އޮޕަރޭޝަނާ ބެހޭގޮތުން ފުލުހުން މިއަދު ބުނީ، މިހާރު ކުރިއަށްދާ އޮޕަރޭޝަން އަލިމަގުގައި އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓްވޯރކެއްގެ އިސްފަރާތްތައް އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް މި އަހަރުގެ މާޗްމަހުގެ ތެރޭގައި ފުލުހުން ފަށާފައިވާކަމަށެވެ.
އެގޮތުން މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންގޮސްފައިވާއިރު، ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އައްޑޫސިޓީގައި އެންމެ ފުޅާކޮށް މަސްތުވާތަކެތި ވިޔަފާރިކުރާ މީހުން އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެ މީހުނާއި ބެހޭ އިތުރު މައުލޫމާތު ފުުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
އޮޕަރޭޝަން އަލިމަގަކީ ޑްރަގް ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް މި މަހުގެ 13 ވަނަ ދުވަހު ހެނދުނު މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ފެށި ބޮޑު އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ. އަދި އެ އޮޕަރޭޝަނުގައި އެއްވަގުތެއްގައި 100 ތަން ފުލުހުން ބަލައިފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެެއެވެ.


