މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ރަސްމާލެ މަޝްރޫޢަށް ދަތުރުފަތުރުގެ ފުރިހަމަ މާސްޓަރ ޕްލޭނެއް އެކުލަވައިލުމުގެ ގޮތުން، އެ މަޝްރޫޢުގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރި ކަމާބެހޭ ވުޒާރާއިން މިއަދު އިއުލާންކޮށްފިއެވެ.
މާލީ ވުޒާރާއިން ކުރި އިއުލާނެއްގައިވާ ގޮތުން، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދިލެއްވުމުގެ މަތިން، ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން މަޝްރޫޢުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ބޭނުންވެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އީއޯއައި (އިކްސްޕްރެޝަން އޮފް އިންޓެރެސްޓް) ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުމެވެ. މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ ވެރިކަން ކުރާ ރަށް، މާލެއާއި ރަސްމާލެއާ ދެމެދު، އަދި ރަސްމާލޭގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ ބޭނުމުގައި އެކުލަވައިލާ މާސްޓަރ ޕްލޭނެކެވެ.
މި މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. ކޮންސަލްޓަންޓެއް ހޮވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިޔުސީބީއެސް) މެތަޑާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށްވެސް މާލީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު، މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ރަސްމާލެއަކީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިހާރު ވެސް 3 ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް 3 ގުނަ އަވަސްކޮށް ކުރިއަށްދާ ކަމަށް ސަރުކާރުން މައުލޫމާތު ދެއްވައެވެ.
ސަރުކާރުން ރަސްމާލެ ތަރައްގީކުރުމަށް ނިންމާފައިވަނީ، ތިމާވެއްޓާ ރައްޓެހި ”އިކޯ ސިޓީ“ އެއްގެ ގޮތުގައެވެ. މި މަޝްރޫއުއަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ އަދި ދިރިއުޅުމަށް ފަހި މާހައުލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


