އަބޫދާބީގެ ހަނަފަސް ސަހަރާގެ އެންމެ އެތެރޭގައި، ޕެރިސްގެ ހަތަރުބައިކުޅަ އެއްބައިހައި ބޮޑު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކެމްޕަހެއް މިވަނީ ބިނާކުރަން ފަށާފައެވެ. ތެލުން މުއްސަނދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މި މަޝްރޫޢުއަށް ކުރާ މި ބޮޑު އިންވެސްޓްމަންޓަކީ، އިޤްތިޞާދު ބަދަލުކޮށް ތަރައްޤީ ކުރުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުންކުރުމަށް ކުރާ އެންމެ ބޮޑު މަސައްކަތެވެ. ބިޔަ ކްރޭންތައް އުސް އިމާރާތްތައް ބިނާވަމުންދާއިރު، މިއީ ފަސް ޖިގަވޮޓްގެ ކަރަންޓުން ހިންގާ ޑޭޓާ ސެންޓަރުތަކެއްގެ ގޯއްޗެވެ. މިއީ އެމެރިކާގެ ބޭރުގައި ހަދާ އެންމެ ބޮޑު މިފަދަ ވަސީލަތެވެ.
ގުޅުންހުރި ކުންފުނިތަކާއި މަޝްރޫޢުގެ ފުޅާމިނާއި ބޭނުން
އިމާރާތް ކުރަމުންދާ މި ކެމްޕަހުން، 3,200 ކިލޯމީޓަރު (1,990 މޭލު) ފުޅާ ސަރަހައްދެއްގައި ސްޓޯރޭޖް އާއި ކޮމްޕިއުޓިންގްގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދުގެ ތެރޭގައި ހަތަރު ބިލިއަނާ ގާތްކުރާ އަދަދެއްގެ މީހުންނަށް ޚިދުމަތް ދެވޭނެކަމަށް، މި މަޝްރޫޢުގެ އިސްކޮށް ހަރަކާތްތެރިވާ ޔޫއޭއީގެ އޭއައި ކުންފުނި ޖީ ފޯޯޓީ ޓޫ ގެ ދަށުން ހިނގާ ކަޒްނާ ޑޭޓާ ސެންޓަރުގެ ޗީފް ސްޓްރެޓެޖީ އޮފިސަރ ޔޯހަން ނައިލަރޫޑް ވިދާޅުވިއެވެ.
ތެލުން އޭއައިއަށް: އިޤްތިޞާދީ ބަދަލުތައް
1960ގެ އަހަރުތަކުން ފެށިގެން، ތެލުގެ ސަބަބުން ޔޫއޭއީ ވަނީ ސަހަރާގެ ދިރިއުޅުން އުޅޭ ދުވަސްވަރުން ފެށިގެން މެދުއިރުމަތީގެ އިޤްތިޞާދީ އަދި ސިޔާސީ ބާރަކަށް ބަދަލުވެފައެވެ. ތެލަށް އޮންނަ ޑިމާންޑް ދަށްވާން ފަށާނެކަން އެނގޭއިރު، ޔޫއޭއީން މިހާރު އުންމީދުކުރަނީ އޭއައިގެ އެހީގައި އެ މަސައްކަތް ކުރުމަށެވެ. ނައިލަރޫޑް ވިދާޅުވީ، ”ޔޫއޭއީއަކީ ވަރަށް ކުޑަ ޤައުމެއްނަމަވެސް، އެންމެ ކުރީގައި އޮންނަން ބޭނުންވާ ޤައުމެއްކަމުން އެ ޤައުމުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފަ.“ އޭނާ އިތުރަށް ވިދާޅުވީ، ”ބޭނުމަކީ ބައިނަލްއަޤްވާމީ ބައިވެރިން ގެނެސް، އޭއައި-ނޭޓިވް ޤައުމަކަށް ވުން.“
ގުޅުންތަކާއި ބޮޑެތި އިންވެސްޓްމަންޓްތައް
އޭއައި ކެމްޕަހުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ، ޖީ ފޯޓީ ޓޫ އިން ބިނާކުރާ އެއް ޖިގަވޮޓްގެ ސްޓާރގޭޓް ޔޫއޭއީ ކްލަސްޓަރ ހިންގާނީ ”އޯޕަން އޭއައި“ އިންނެވެ. އަދި މި މަޝްރޫޢުއަށް އެހީތެރިކަން ދެނީ ސިސްކޯ، އޮރެކަލް އަދި އެންވިޑިއާ ފަދަ އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކުންނެވެ. މިދިޔަ މަހު މައިކްރޯސޮފްޓް އިން ވަނީ 2029 ވަނަ އަހަރާ ހަމައަށް ޔޫއޭއީގައި 15.2 ބިލިއަން ޑޮލަރަށްވުރެ ގިނަ އިންވެސްޓްމަންޓްތަކެއް ކުރާނެކަން އިއުލާންކޮށްފައެވެ. މީގެކުރިން މިދިޔަ އަހަރު ޖީ ފޯޓީ ޓޫ އަށް 1.5 ބިލިއަން ޑޮލަރު ވަނީ އިންވެސްޓްކޮށްފައެވެ.
ޔޫއޭއީގެ އޭއައިގެ ދިގުދަތުރު
ޔޫއޭއީން 2017 ވަނަ އަހަރުން ފެށިގެން ވަނީ އޭއައިގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. އެ އަހަރު ޔޫއޭއީން ވަނީ ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރެއް ކަނޑައަޅައި، ކެނެޑާ އަށް ފަހު ދެވަނަ ޤައުމެއްގެ ގޮތުގައި ޤައުމީ އޭއައި ސްޓްރެޓެޖީއެއް ތައާރަފްކޮށްފައެވެ. އެއް އަހަރު ފަހުން 2018 ވަނަ އަހަރު، އަބޫދާބީގައި ހުންނަ ސޮވަރިން ވެލްތު ފަންޑު މުބާދަލާ ގެ އެހީގައި ޖީ ފޯޓީ ޓޫ އުފެއްދިއެވެ. ޔޫއޭއީގެ ރައީސްގެ ބޭބޭފުޅު، ޝެއިޚް ތަޙްނޫން ބިން ޒާޔިދު އާލް ނަޙްޔާންގެ ރިޔާސަތުގައި ހުންނަ ޖީ ފޯޓީ ޓޫ އިން ތަފާތު އޭއައި އުފެއްދުންތައް ފޯރުކޮށްދެއެވެ. އަދި މި ކުންފުނީގައި 23,000 އަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރެއެވެ. ޔޫއޭއީން ބުނެފައިވާ ގޮތުގައި، 2024 ވަނަ އަހަރުން ފެށިގެން އޭއައިގެ ދާއިރާއަށް 147 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ފްރާންސްގައި އެއް ޖިގަވޮޓްގެ އޭއައި ޑޭޓާ ސެންޓަރެއް ގާއިމްކުރުމަށް 50 ބިލިއަން ޔޫރޯ (58 ބިލިއަން ޑޮލަރު) ހިމެނެއެވެ. މޮންޓްރިއަލް ޔުނިވަރސިޓީގެ ޕްރޮފެސަރ ޖީން-ފްރެންސިސް ގާގްނޭ ވިދާޅުވީ، ”އޭއައިއަކީ ތެޔޮ ފަދައިން، ތަފާތު ދާއިރާތަކަށް އަސަރުކުރުވުމުގެ ކުޅަދާނަކަން ލިބިފައިވާ ސެކްޓަރެއް“
ތައުލީމީ އަދި ރިސާޗްގެ ކުރިއެރުންތައް
2019 ވަނަ އަހަރު އަބޫދާބީގައި ވަނީ ދުނިޔޭގެ ފުރަތަމަ އޭއައިއަށް ޚާއްސަ ޔުނިވަރސިޓީ، މުޙައްމަދު ބިން ޒާޔިދު ޔުނިވަރސިޓީ އޮފް އާޓިފިޝަލް އިންޓެލިޖެންސް ހުޅުވާފައެވެ. މިދިޔަ އޮގަސްޓް މަހު، ކިޑަރގާޓަން ފެށިގެން ސަރުކާރުގެ ސްކޫލްތަކުގައި އޭއައި ވަނީ މައިގަނޑު މާއްދާއަކަށް ބަދަލުކޮށްފައެވެ. މުޙައްމަދު ބިން ޒާޔިދު ޔުނިވަރސިޓީ އޮފް އާޓިފިޝަލް އިންޓެލިޖެންސް އާއި އަބޫދާބީގެ ޓެކްނޮލޮޖީ އިންނޮވޭޝަން އިންސްޓިޓިއުޓް އިން ވަނީ، އިންޑަސްޓްރީގެ އެންމެ ކުރީގައި އޮތް މޮޑެލްތަކާ އެއް ފެންވަރެއްގެ ގޮތުގައި ފާހަގަކުރެވޭ ފެލްކަން އާއި އެކު، ޖެނެރޭޓިވް އޭއައި މޮޑެލްތައް ތައާރަފްކޮށްފައެވެ. ފެލަކަން ގެ އަރަބި ވާޝަން މިހާރު ވަނީ ނެރެފައެވެ.
އެއްގައުމުން އެތެރެކުރާ ހާޑްވެއަރއާއި މާހިރުންނަށް ބަރޯސާވުން ކުޑަކުރުމަށް ޔޫއޭއީން ވަނީ ރިސާޗް، ތަރައްޤީ، އަދި އެތެރޭގެ ޕްރޮގްރާމްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. ޓީޓޫ އިން ވަނީ އެންވިޑިއާ އާއެކު ރިސާޗް ލެބެއް ހުޅުވާފައެވެ. އެކްޒެކެޓިވް ޑިރެކްޓަރ ނަޖުވާ އާރަޖް ވިދާޅުވީ، މީގެ ބޭނުމަކީ ޖެނެރޭޓިވް އޭއައި މޮޑެލްތަކުގެ ”ސަރަހައްދު ފުޅާކޮށް“ ރޮބޮޓިކް ސިސްޓަމްތައް ތަރައްޤީ ކުރުމެވެ.


