ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ސީދާ ވަދެގެން މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގަލޮޅު ރައްޔިތުންނާ ފަހުން ކުރިއަށް ގެންދެވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިފްލެޓްތަކުގެ މައްސަލަތައް ހައްލުކުރުމަކީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާއެއް ނަމަވެސް، އެކަން ކައުންސިލަށް ނުކުރެވޭތީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ، ސިޓީ ކައުންސިލުގެ ޒިންމާއަކީ ފްލެޓުތަކުގެ މެއިންޓެއިނަސްގެ މަސައްކަތްތައް ކުރުމާއި، އެތަންތަނާ ގުޅޭ އެހެނިހެން ކަންކަން ބެލެހެއްޓުން ކަމަށްވީ ނަމަވެސް، އެކަންކަން ރަނގަޅަށް ނުކުރެވުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު، މި ފްލެޓުތަކުގެ ހުރިހާ ޖޫރިމަނާތަކެއް ކެންސަލްކުރެއްވި ކަމަށްވެސް ހަނދާންކޮށްދެއްވާފައެވެ.
މިއީ ހަމަ ސީރިއަސް އިޝޫތައް. އަޅުގަނޑު ތިބޭފުޅުންގެ ތިހިރަ ކަންބޮޑުވުންތަކަށް ކިހިނެއްތޯ އެޑްރެސްކުރެވޭނީ ބަލާނަން. ސަރުކާރުން ސީދާ. މިހާރު ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކައުންސިލަކަށް ނުކުރެވުނު. ސަރުކާރުން މިކަމުގެ ތެރެއަށް ވަދެގެން ސްޓެޕިން ވެގެން ކުރެވޭނެ ކަމެއް، ކޮންމެ ގޮތަކަށްނަމަވެސް މިތަނަކީ ރައްޔިތުންނަށް ލިބިފައިވާ ރައްޔިތުންގެ ބޯހިޔާވަހިކަމެއް. ރައްޔިތުން އުޅެމުންދާ ތަންތަން. އެތަނުގެ ރައްޔިތުން އެތާ އުޅުމަށް ވަރަށް ގިނަ ތަހައްމަލުތަކެއް އުފުލަމުންދާ ތަނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެމަނިކުފާނު މަސައްކަތްކުރައްވާނެ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަންވެސް ހޯދައި، ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު، މި 6 ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅު ޖަވާބެއް ދެއްވާނެ ކަމަށެވެ. އަދި މި މައްސަލަތަކަށް ހައްލު ގެނެސްދެއްވާނީ އެކަމަށް އޮންނަ އުސޫލެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


