މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ހާމަކުރެއްވި ގޮތުގައި، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ 40 ހެކްޓަރު މިހާތަނަށް ނިމިފައިވާއިރު، މި މަސައްކަތާއެކު ފަރުކޮޅު ފުއްޓާ މިހާރުވަނީ ހުޅުމާލެއާ ގުޅާލެވިފައެވެ. ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ރޭވިފައިވާއިރު، މިހާތަނަށް މަޝްރޫޢުގެ 63.5 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ، އެމްއޭސީއެލްގެ ބެލުމުގެ ދަށުން ރާއްޖެއަށް ގެނެސްފައިވާ ޑްރެޖަރުތަކާއެކުގައެވެ.
ފަރުކޮޅު ފުއްޓަކީ ރިސޯޓެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެކެވެ. ބައެއް ފަރާތްތަކުން ކައިވެނި ޕާޓީތަކާއި އެނޫންވެސް ޕާޓީތައް ބާއްވަމުން އަންނަ ތަނެއްގެ ގޮތުގައި މިތަން ކުރިން ބޭނުންކުރިއެވެ.
ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްފައިވާއިރު، ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި 9 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެމްއޭސީއެލްއިން މި މަސައްކަތަށް ބޭނުންކުރަމުން އަންނަނީ 22000 ކިއުބިކް މީޓަރުގެ ދެ ޑްރެޖަރުކަމަށްވާ ”ޕްރިންސް ޑަރ ނެޑެލެންޑަން“ އާއި ”އޮރެންޖީ“ އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އަލުން މި މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެވެ.
މީގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.


