ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓް ކަމަށްވާ ކަޝިވާޒާކީ-ކަރީވާ ނިއުކްލިއަރ ޕްލާންޓް، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު، އަލުން ހިންގަން ތައްޔާރުވަމުންދާކަން ހާމަވެއްޖެއެވެ. 2011 ވަނަ އަހަރުގެ ފުކުޝިމާ ކާރިސާ ހިނގިތާ ގާތްގަނޑަކަށް 15 އަހަރު ފަހުން މި ޕްލާންޓް އަލުން ހިންގުމަށް ނިންމާފައިވާއިރު، މިއީ ޖަޕާނުން އަލުން ނިއުކްލިއަރ ހަކަތައަށް އެނބުރި ދިޔުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ޓޯކިޔޯއިން ގާތްގަނޑަކަށް 220 ކިލޯމީޓަރު ހުޅަނގު އުތުރުގައި ނީގާޓާ ޕްރިފެކްޗަރގައި ހުންނަ މި ޕްލާންޓަކީ، 2011 ވަނަ އަހަރު ހިނގި ބިންހެލުމާއި ސުނާމީއާ ގުޅިގެން ޗެރްނޯބިލްއަށް ފަހު ހިނގި އެންމެ ނުރައްކާތެރި ނިއުކްލިއަރ ހާދިސާ، ފުކުޝިމާ ކާރިސާއާ ގުޅިގެން ހުއްޓާލެވުނު 54 ރިއެކްޓަރގެ ތެރެއިން އެކެކެވެ.
މި ޕްލާންޓް ހިންގާނީ ފުކުޝިމާ ދާއިޗީ ޕްލާންޓްވެސް ހިންގާފައިވާ ޓޯކިޔޯ އިލެކްޓްރިކް ޕަވަރ ކޮމްޕެނީ (ޓެޕްކޯ) އިންނެވެ. ނީގާޓާ ޕްރިފެކްޗަރ އިން މި ޕްލާންޓް އަލުން ހިންގުމުގެ ހުއްދަ ދިނުމާއެކު، ޖަޕާނުން ބޭރުން އިމްޕޯޓުކުރާ ތެލަށް ބަރޯސާވުން ކުޑަކުރުމުގެ މަޤްސަދުގައި ޖަޕާނުގައި ހިންގޭނެ 33 ރިއެކްޓަރުންގެ ތެރެއިން 14 ރިއެކްޓަރު ވަނީ މިހާތަނަށް އަލުން ހިންގަން ފަށާފައެވެ.
މި ނިންމުމާއެކު ނީގާޓާ ޕްރިފެކްޗަރ އެސެމްބްލީ ބޭރުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން މުޒާހަރާކޮށްފައިވެއެވެ. ގިނައީ އުމުރުން ދޮށީ މީހުން ކަމަށްވާ މި މުޒާހަރާގެ ބައިވެރިން ވަނީ ”ނިއުކްސް ނޫން“، ”ކަޝިވާޒާކީ-ކަރީވާ އަލުން ހިންގުމާ ދެކޮޅު“ އަދި ”ފުކުޝިމާއަށް އެހީތެރިވާން“ ލިޔެފައިވާ ބެނާތައް ހިފައިގެން އަޑުއުފުލާފައެވެ.
ރައްޔިތުން އަދިވެސް ތިބީ މިކަމާ ގުޅިގެން ފުން ވިސްނުމެއްގައެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރެވުނު ސަރވޭއަކުން ދައްކާ ގޮތުގައި، ނީގާޓާގެ ރައްޔިތުންގެ 60 އިންސައްތަ މީހުން ގަބޫލުކުރަނީ ޕްލާންޓް އަލުން ހިންގުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 70 އިންސައްތަ މީހުން ޓެޕްކޯއިން ޕްލާންޓް ހިންގާނެ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ފުކުޝިމާ ކާރިސާގެ ޝިކާރަވެފައިވާ މީހުންނާއި އެކްޓިވިސްޓުން ދަނީ ކުރިން ހެދުނު ގޯސްތައް ތަކުރާރުވުމުގެ ބިރުވެރިކަން ފާޅުކުރަމުންނެވެ.
ޓެޕްކޯއިން ވަނީ ލޯކަލް އެހީތެރިކަން ހޯދުމަށާއި ސަލާމަތީ ފިޔަވަޅުތައް ރަނގަޅު ކުރުމަށް އަންނަ 10 އަހަރު ދުވަހުގެ ތެރޭގައި 100 ބިލިއަން ޔެން (ގާތްގަނޑަކަށް 641 މިލިއަން ޑޮލަރު) އިންވެސްޓް ކުރާނެ ކަމަށް ވައުދުވެފައެވެ. ޓެޕްކޯގެ ތަރުޖަމާނު މަސަކަޓްސު ތަކަޓާ ވަނީ ނީގާޓާގެ ރައްޔިތުންނަށް ދެވަނަ ކާރިސާއަކާ ކުރިމަތިނުވާނެކަން ކަށަވަރު ކުރުމަށް ކުންފުނީގެ އަޒުމް ވަރުގަދަ ކަމަށް ހާމަކުރައްވާފައެވެ.
ބޮޑުވަޒީރު ސަނާ އޭ ތަކައިޗީ ވަނީ މި ޕްލާންޓް އަލުން ހިންގުމަށް ތާއީދުކުރައްވާފައެވެ. ޖަޕާނުގެ ހަކަތަ ރައްކާތެރިކަން ވަރުގަދަ ކުރުމަށާއި، މިހާރު ޖަޕާނުގެ ކަރަންޓު އުފެއްދުމުގެ 60-70 އިންސައްތައަށް ހިއްސާކުރާ އަގުބޮޑު ތެލަށް ބަރޯސާވުން ކުޑަކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރައްވާފައިވެއެވެ. ތަފްސީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކަޝިވާޒާކީ-ކަރީވާ ޕްލާންޓް އަލުން ހިންގުމަކީ ޖަޕާނަށް ބޭނުންވާ ހަކަތައިގެ އެދުން ފުއްދުމަށާއި، 2040 ވަނަ އަހަރާ ހަމައަށް ނިއުކްލިއަރ ހަކަތައިގެ ހިއްސާ 20 އިންސައްތައަށް އިތުރުކުރުން ވެސް ހިމެނޭ ގޮތަށް ކާބަން ބޭރުކުރުން ކުޑަ ކުރުމުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މުހިންމު ފިޔަވަޅެކެވެ.


